ޚަބަރު

އެމްޑީޕީއަށް ނިސްބަތްވާ 26 ކައުންސިލަރުން ސަސްޕެންޑު ކޮށްފި


މެއި މަހުގެ 30 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވި 26 ކައުންސިލަރަކު ސަސްޕެންޑުކޮށްފިއެވެ.

އެލްޖީއޭ އިން ސަސްޕެންޑުކޮށްފައި ވަނީ 21 ރަށު ކައުންސިލަރަކާއި ފަސް އަތޮޅު ކައުންސިލަރުންނެވެ. މި ކައުންސިލަރުން ސަސްޕެންޑުކޮށްފައި ވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށެވެ.

ސަސްޕެންޑުކުރި ކައުންސިލަރުން ނިސްބަތްވާ ކައުންސިލް އިދާރާތަކަށް ވަކިވަކިން ފޮނުވި ސިޓީތަކުގައި ވަނީ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ނުގެންދިއުމަށާއި ކުރިއަށްގެންދާނަމަ އެކަން ހުއްޓުވަން ސިވިލް ކޯޓުން އަމުރު ނެރެފައި ވަނިކޮށް، ބައެއް ކައުންސިލަރުން ޕްރައިމަރީގައި ބައިވެރިވެފައިވާ ކަމުގެ ހެކި އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ. އަދި ސަސްޕެންޑްކުރި ކައުންސިލަރުން އެމްޑީޕީގެ ޕްރައިމަރީއަށް އެއްބާރުލުން ދިންކަން ސާބިތުވާ ކަމަށެވެ. އަދި އެ ކައުންސިލަރުން ސަސްޕެންޑުކޮށްފައި ވަނީ ކައުންސިލަރުން ކުރާ ގާނޫނާއި ޚިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލަށާއި އެޓާނީ ޖެނެރަލްގެ ލަފާފުޅަށް ރިއާޔަތް ކުރުމަށްފަހު ކަމަށްވެސް އެލްޖީއޭއިން ބުނެއެވެ.

އެލްޖީއޭއިން ބުނީ ސަސްޕެންޝަންގެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ހޯދުން ނޫން ބޭނުމަކު އެ ކައުންސިލަރުން ކައުންސިލް އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ސަސްޕެންޝަންގެ މުއްދަތުގައި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމުސީލު ކުރުން ވަނީ މަނާކޮށްފައެވެ.

އެމްޑީޕީން ޕްރައިމަރީ ބާއްވާފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ވަކިގޮތެއް ނިމެންދެން ޕްރައިމަރީ ނުބޭއްވުމަށް ސިވިލް ކޯޓުން އެމްޑީޕީގެ މައްޗަށް އަމުރުކޮށްފައި ވަނިކޮށެވެ. އަދި އެ އަމުރާ ޚިލާފުވާނަމަ ޕްރައިމަރީ ހުއްޓުވުމަށް ފުލުހުންގެ މައްޗަށް ވެސް އަމުރުކޮށްފައި ވަނިކޮށެވެ.