ކުޅިވަރު

އާޖެންޓީނާއަށް ބޮޑު ލަދެއް، ކޮރޭޝިޔާ ދެވަނަ ބުރަށް!


އާޖެންޓީނާ ލަދުގަންނަވާލާ ކްރޮއޭޝިއާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މިއީ 1998 ވަނަ އަހަރުގެ ފަހުން ކޮރޭޝިޔާ ވަރލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ފީފާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ރޭ އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ކްރޮއޭޝިއާ ކާމިޔާބުކުރީ 3-0 ނެވެ. މިމެޗުގެ ތިން ލަނޑުވެސް ކްރޮއޭޝިއާއިން ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ މިޑްފިލްޑަރ އެންޓެ ރެބިޗްއެވެ. މިލަނޑަކީ އާޖެންޓީނާގެ ގޯލް ކީޕަރު ވިލީ ކަބަޔޭރޯއަށް ހެދުނު މިސްޓޭކަކުން ރެބިޗް އަށް މަގުފަހިވި ފުރުސަތަކުން ކާމިޔާބުކުރި ލަނޑެކެވެ.
ދެވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކްރޮއޭޝިއާއަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން ލުކަ މޮޑްރިޗްއެވެ.
އަދި މެޗުގެ ނުވަދިހަ މިނިޓް ހަމަވިފަހުން ކްރޮއޭޝިއާގެ ތިން ވަނަ ލަނޑު ޖަހައިދިނީ މިޑްފިލްޑަރ އިވާން ރަކިޓިޗްއެވެ.

މިނަތީޖާ އާއެކު ކްރޮއޭޝިއާ މުބާރާތުގެ ދެވަނަ ބުރު ޔަޤީން ކޮށްފައިވާއިރު އާޖެންޓީނާއަށް ވަނީ މުބާރާތުގެ ދެވަނަ ބުރުއަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައެވެ.
ކްރޮއޭޝިއާއަށް ހަ ޕޮއިންޓް ލިބިފައިވާއިރު އާޖެންޓީނާއަށް ދެ މެޗުން ލިބެނީ އެއް ޕޮއިންޓެވެ. އައިސްލޭންޑަށްވެސް އެއް ޕޮއިންޓް ލިބިފައިވާއިރު އެޓީމް މުބާރާތުގެ ދެވަނަ މެޗުގައި މިއަދު ބައްދަލުކުރާނީ ޕޮއިންޓެއް ނުލިބިއޮތް ނައިޖީރިއާ އާއެވެ.