ޚަބަރު

އެމެރިކާއަށް ޤަވާއިދާ ޚިލާފަށް ވަންނަ ޢާއިލާތަކުގައި ހިމެނޭ ކުޑަކުދިންނާ ދޭތެރޭ ގެންގުޅުނު ހަރުކަށި ސިޔާސަތު ހުއްޓާލުމަށް ޓްރަމްޕް ނިންމެވުން


ސަރަޙައްދީ ރޮނގު ހުރަސްކޮށް އެމެރިކާއަށް ޤަވާއިދާ ޚިލާފަށް ވަންނަ ޢާއިލާތަކުގައި ހިމެނޭ ކުޑަކުދިން އެކުދިންގެ މައިންބަފައިންނާ ވަކިކޮށް އެމީހުން ހައްޔަރުކުރުމަށް އެމެރިކާއިން ތަންފީޒު ކުރަމުންގެންދިޔަ ހަރުކަށި ސިޔާސަތު ހުއްޓާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެފަހުން ނިންމަވައިފިއެވެ.
ޓްރަމްޕް ވިދާޅުވީ ޤަވާއިދާ ޚިލާފަށް އެމެރިކާއަށް އެތެރެވާން މަސައްކަތްކުރާ މީހުން ހައްޔަރު ކުރުމުން އެމީހުންގެ ދަރިން އެކަނިވެރިވެފައި ތިބި މަންޒަރު ފެނުމުން ދެރަވިކަމަށް. އެހެންކަމުން އެފަދަ މީހުންގެ ދަރިން އެމީހުންނާ ވަކިކުރުމުގެ ސިޔާސަތު ނިމުމަކަށް ގެނައުމަށް ނިންމެވީކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މިނިންމުން ނިންމަވަން ޓްރަމްޕަށް މަޖްބޫރުވެވަޑައިގަތީ ކުޑަކުދިން އެކުދިންގެ މައިންބަފައިންނާ ވަކިކޮށް މައިންބަފައިން ހައްޔަރުކުރުމަކީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ނާޒީ ޖަރުމަނުން ގެންގުޅުނުފަދަ ލާއިންސާނީ ކަމެއް ކަމަށް ވާތީ އެކަން ހުއްޓުވުމަށް އެމެރިކާގެ އެތެރޭންނާއި ބޭރުން ޓްރަމްޕަށް ކުރިމަތިވެ ވަޑައިގެންނެވި ފިއްތުންތަކާ ގުޅިގެންނެވެ. އާއިލާތައް ބައިކުރުމަށް އެމެރިކާ ގެންގުޅެންފެށި ހަރުކަށި ސިޔާސަތުގެ ސަބަބުން ބައިނަލްއަޤުވާމީ މުޖްތަމަޢުގައި އެމެރިކާވަނީ ވަރަށް ބޮޑަށް ކުށްވެރިވެފައެވެ. އަދި އދ. އާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކާ ދުނިޔޭގެ ބައެއް ޤައުމުތަކުގެ ފާޑުކިޔުންތައްވެސް އެމެރިކާއަށް ދަނީ އަމާޒުވަމުންނެވެ.
މި ލާއިންސާނީ ސިޔާސަތު ނިމުމަކަށް ގެންނެވި ނަމަވެސް ޓްރަމްޕް ވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް އެމެރިކާއަށް ޤަވާއިދާ ޚިލާފަށް ވަންނަ މީހުން ހައްޔަރުކޮށް އެމީހުންގެ މައްޗަށް އެމެރިކާގެ ކޯޓުތަކުގައި ދަޢުވާ އުފުލުން ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރިއެކޭ އެއްގޮތަށް މިފަދަ ފަރާތްތަކާމެދު އެމެރިކާ ގެންގުޅޭނީ "ޒީރޯ ޓޮލެރަންސް" ސިޔާސަތެއް ކަމަށާ އެމެރިކާއަކީ ހިޖުރަކުރާ މީހުންގެ ކޭމްޕަކަށް ނުވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ރެފިއުޖީންނާއި ހިޖުރަކުރާ މީހުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމަކީ އެމީހުންގެ ދަރިން އެމީހުންނާ ވަކިކުރަންޖެހޭ ކަމެއްނޫންކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ.