ޚަބަރު

މާލޭ ރިންގ ރޯޑުގައި ތާރު އަޅަން ތައްޔާރުވަނީ



މާލޭގެ ރިންގ ރޯޑު ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޤައިދީން ބައިވެރިކޮށްގެން މާލޭގެ ރިންގ ރޯޑް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބްރިޖާ ގުޅިގެން ހަދަމުން އަންނަ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ ކާނު ވަޅުލުމާއި، ހޮޅި ވަޅުލުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މަގުގައި ތާރުއެޅުމަށް ބޭނުންވާ ސާމާނު މިހާރު ގެނެސްފައިވާ ކަމަށެވެ.

" މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ''ތާރު ޕްލާންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށް ދޭ. މޭރީބްރައުން ފެށިގެން އެމްޓީސީސީ ފެރީ ޓާރމިނަލަށް ހިސާބަަށް އަޅާނެ. ބްރިޖް މަޝްރޫޢު ނިމުމުގެ ކުރިން މަގުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރަނީ'' ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ބްރިޖުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، ވެރިރަށް މާލޭގެ މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އެގޮތުން ބްރިޖާއެކު، މާލޭގެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކާ "މާލޭ ރިންގް ރޯޑް ޑިވެލޮޕްމަންޓް"ގެ ނަމުގައި ޙާއްސަ މަޝްރޫޢެއް ދަނީ ކުރިއަށްގެންދަމުންނެވެ. މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގު މިހާރަށްވުރެ ފުޅާކޮށް، ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ މިހާރު 2 ލޭނަށް ދުއްވާ މި މަގު، 4 ލޭނަށް ބަދަލުކޮށް، މަގުގައި ތާރު އެޅުމެވެ. ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މިމަގުގެ މަސައްކަތް ބްރިޖް މަޝްރޫޢު ނިމުމުގެ ކުރިން ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.