ކުޅިވަރު

ނިއުއާއެކު ދަގަނޑޭ ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފި


ނިއުރޭޑިއަންޓްގެ ކެޕްޓަން އަލީ އަޝްފާޤ (ދަގަނޑޭ)އާއެކު ނިއުއިން ވެފައިވާ އެއްބަސްވުން މިއަދު ނުމުމަކަށް ގެނެސްފިއެވެ.

ނަމަވެސް މިއެއްބަސްވުން ނިމުމަކަށް ގެނައީ ކްލަބާއި، އަޝްފާޤާ ދެމެޗު ވާހަކަދައްކާ އެއްބަސްވެގެންކަމެއް ނުވަތަ އެފްއޭއެމްއަށް ހުށައަޅައިގެން، އެފްއޭއެމްއިންކަން ކަށަވަރެއްނޫނެވެ. މުސާރަ ނުދޭތީ އެއްބަސްވުން ބާޠިލްކުރަން މިދިޔަ އަންގާރަ ދުވަހު އަޝްފާޤު އެފްއޭއެމްއަށް ހުށައެޅުމުން، ޕްލޭޔާސް ކޮމިޓީން އިއްޔެ އަޝްފާޤާއި، ނިއުރޭޑިއަންޓް ހާޞިރުކުރިކަމަށް އެނގިފައިވެއެވެ. އަދި މުސާރަ ދިނުމަށް މިއަދުގެ ވަގުތަކަށް މުހުލަތެއް ދިންކަމަށް އިތުބާރު ހުރި ގޮތެއްގައި މައުލޫމާތުލިބިފައިވެއެވެ. އޭގެފަހުން މިއަދު ހަވީރު ނިއުއިން އެކްލަބްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އިއުލާންކުރީ އަޝްފާޤާއެކު ވެފައިވާ އެއްބަސްވުން ދެފަރާތް ވާހަކަ ދައްކައިގެން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އަދި އަޝްފާޤު ކްލަބަށް ކޮށްދިން ޚިދުމަތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.

ނިއުއިން އެގޮތަށް އިއުލާންކުރިތާ ގަޑިއިރެއްވެސް ނުވަނީސް އިރުއޮއްސި ހައެއް ޖެހިއިރު އެފްއޭއެމްއިން ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ މިސީޒަނަށް ނިއުއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަޝްފާޤަށް މުސާރަ ނުދޭތީ، އެމައްސަލަ އެފްއޭއެމްއަށް ހުށައެޅުމުން، މައްސަލަ ބަލާ އަޝްފާޤާއި ނިއުއާ ދެމެދު ވެފައިވާ އެއްބަސްވުން އެފްއޭއެމްގެ ޕްލޭޔާރސް ކޮމިޓީން އުވާލާފައިވާކަމަށެވެ. އެނިންމުން ނިންމީ އަޝްފާޤު ހުށައެޅި ސިޓީއާއި، އެއްބަސްވުން އަދި ނިއުރޭޑިއަންޓްގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒުގެ ބަޔާނަށް ބެލުމަށްފަހުކަމަށް އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެއްބަސްވުން އުވާލުމުގެ އިތުރަށް އަޝްފާޤު ނިއުއަށް ކޮށްދިން ޚިދުމަތުގެ އަގަށްވާ ފައިސާކަމަށް ކޮމިޓީން ކަނޑައެޅި އަދަދު، ކަނޑައެޅި މުއްދަތުގެ ތެރޭގައި އަޝްފާޤަށް ދިނުމަށް ނިއުއަށް އަންގަންވެސް ޕްލޭޔާރސް ކޮމިޓީން ވަނީ ނިންމާފައެވެ. ނަމަވެސް ޚިދުމަތުގެ އަގަކީ ކޮބައިކަމެއް އަދި އެފައިސާ ދައްކަން ދިން މުއްދަތަކީ ކޮބައިކަމެއް ބަޔާނުގައި ބުނެފައެެއްނުވެއެވެ. މިއަދު ބަޔާން ނެރުމާ ހަމައަށް އަޝްފާޤު މައްސަލަ ހުށައެޅިކަންވެސް އެފްއޭއެމްއިން ހާމަކޮށްފައެއް އަދި ކަށަވަރުކޮއްދީފައެއްވެސް ނުވެއެވެ.

އަޝްފާޤުގެ އެއްބަސްވުން ނިމުމަކަށް މިގެނައީ ނިއުގެ ކޯޗުގެ ޕްލޭންގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކު ކްލަބް ދޫކޮށްނުލާނެކަމުގެ ޔަޤީންކަން ނިއުއިން ދީފައިވަނިކޮށެވެ. އަޝްފާޤަކީ ސީޒަންގައި މިވަގުތު ޓޮޕް ސްކޯރަރއެވެ. މިސީޒަންގެ މާލޭ ލީގު ނިއު ކާމިޔާބުކުރުމުގައިވެސް އޭނާގެ ދައުރު ބޮޑެވެ. އޭނާ ޓީސީއަށް ބަދަލުވެދާނެކަމުގެ ޚަބަރުތަކެއް ކުރިންވެސް ވަނީ ފެތުރިފައެވެ. އަދި އެހެން ބައެއް ކްލަބްތަކުންވެސް އަޝްފާޤު ހޯދަން އަންނަނީ މަސައްކަތްކުރަމުންނެވެ. މިހާރު މައުލޫމާތުލިބޭގޮތުން ކޯޗު އޮސްކާވެސް ނިއުގައި މަޑުކުރުމުގެ ފުރުޞަތު ކުޑައެވެ.