އައްޑޫ އަދި ފުވައްމުލަކުގެ ނޭޗާ ޕާރްތަކުގެ މަސައްކަތް ނިމި އަންނަ މަހުގެ ތެރޭގައި ހުޅުވަން ތައްޔާރުވެއްޖެއެވެ. އީކޯ ޓޫރިޒަމްއިން ޙާއްސަ ކޮށްގެން އައްޑޫ ހިމާޔަތްކޮށްފައިވާ އައްޑޫ ހިތަދޫގައި އޮންނަ އީދިގަލި ކުޅި އާއި ކޯއްޓޭ ސަރަހައްދު ހިމެނޭ ގޮތައް އައްޑޫ ނޭޗާ ޕާރކް ތަރައްޤީ ކުރަމުންދާއިރު ފުވައްމުލަކު ނޭޗާ ޕާރކު ޙާއްސަ ކޮށްފައިވަނީ އެރަށު ފުނާޑު ކުޅި އާއި ދަޑިމަގު ކުޅި ހިމެނޭ ސަރަހައްދުގައެވެ. ހިނގާލާފައި ކުޅި ތެރެ ބަލާލަން ދެވޭގޮތައް ދިގު ފާލަންތަކެއް އަޅާފައިވާ އިރު ފާރކު ހުޅުވުމުން ކުޅި ތެރޭގައި ކެނޯގައި ދަތުރު ކުރެވޭނެގޮތްވެސް ވަނީ ހަމަޖައްސާފައެވެ.
ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެމުން ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ކޮމިއުނިކޭޝަން އޮފިސަރު އަލީ ޝާމީން ބުނެފައިވަނީ ޖުލައިމަހު ހުޅުވާ މި ޕާރކުތަކުގެ ބޮޑެތި މަސައްކަތް ނިމިފައިވާއިރު މި ޕާރކްތަކަށް ބޭނުންވާ ޓުވަރ ގައިޑުން ވަނީ ތަމްރީމް ކޮށް ނިމިފައިކަމަށެވެ. ކެނޯ އަދި ބައިސްކަލް ދޫކުރާނީ އެތަނުންކަމަށް ބުނެފަައިވެއެވެ. ޕާރކުތަކަށް ވަނުމަށް ޓިކެޓް ބޭނުންވާނެކަމަށާއި އެހެން ނަމަވެސް އަދި ޓިކެޓްގެ އަގު ފައިނަލް ނުވާކަމަށްވެސް އޭނާ ބުނެފައިވޭ. އިކޯ ޓޫރިޒަމްއިން މި ޕާރކްތައް ޕްރޮމޯޓް ކުރުމަށް ބޮޑެތި މަސައްކަތް ކުރަމުންދާ ދެއެވެ. މި ޕާރކްތަކުގެ މަސައްކަތް ނިމުމަކާ ހަމަޔަށް އައިސްފައިވާއިރު ޓޫރިޒަމް މިނިސްޓްރީ އާއި ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ)ގެ ދަށުން ތަރައްޤީ ކުރާ މި ޕާރކުތައް ހިންގާނެ ގޮތުގެ ޤަވާއިދު އެކުލަވާލައި ގެޒެޓް ކުރަން މިހާރު ވަނީ ފޮނުވާފައި ކަމަށްވެސް ޝާމީން ބުނެފައިވެއެވެ. އަދި މި ދެ ޕާރކް ހުޅުވުމަށް ތައްޔާރުވަމުން އަންނަ އިރު މި ދެޕާރކުގައި ކެފޭ ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށް ކުރިއަށްދާކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީގައި ހުޅުވާ ނޭޗާ ޕާރކްތަކަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޔޫރަޕިއަން ޔުނިއަންގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީސީއޭޕީ)ގެ ބައެކެވެ. މި ނޭޗާ ޕާރކުތަކަކީ އައްޑޫ އާއި ފުވައްމުލަކުގައި ހުރި ގުދުރަތީ ގޮތުން ޙާއްސަ ތަނަތަނުގެ ބޭނުން ހިފައިގެން އިޤްތިސާދީ ގޮތުން ވެސް ފައިދާ ހޯދުމަށް އިކޯ ޓޫރިޒަމްގެ ދަށުން ހިންގާ މަޝްރޫއެކެވެ.