ކުޅިވަރު

ބްރައިޓް ޗެލެންޖްގެ ޗެންޕިއަންކަން ޔަންގްސްޓަރ ހޯދައިފި


އއ.ތޮއްޑޫ ބްރައިޓް ކްލަބުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ބްރައިޓް ޗެލެންޖްގެ ޗެންޕިއަންކަން ޔަންގްސްޓަރ ޓީމުން ހޯދާއިފިއެވެ.

އެޓީމުން މި މުބާރާތުގެ ޗެންޕިއަންކަން ހޯދީ ފައިނަލްގައި އެޗް.ބީއާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 6-5 ލަނޑުން ކުރި ހޯދައިގެންނެވެ. މި މުބާރާތުގެ ފެއާރ ޕްލޭ ޓީމަކަށް ހޮވުނީ އެފްސީ ލެޖެންޑްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ޔަންގްސްޓަރގެ މުހައްމަދު އިންސާދު ހޯދި އިރު މުބާރާތުގެ ޓޮޕް ސްކޯރާގެ މަޤާމު ވަނީ ތިން ކުޅުންތެރިއަކު ހޯދާފައެވެ. މުބާރާތުގެ އެންމެ މޮޅު ފޯވާޑްގެ މަޤާމު ހޯދީ ވައި މެކްސްގެ އަހުމަދު ޒައިދުއެވެ. އެންމެ މޮޅު ގޯލް ކީޕަރުގެ މަޤާމް ހޯދީ އެޓީމުގެ އަހުމަދު ޝިޔާމްއެވެ. އެންމެ މޮޅު ޑިފެންޑަރުގެ މަގާމް ހޯދީ ޔަންގްސްޓަރގެ ހަސަން އިބްރާހިމްއެވެ. އަދި އެންމެ މޮޅު މިޑްފިލްޑަރގެ މަޤާމު ހޯދީ ފައިނަލްގައި ބަލިވި ޓީމުގެ އިބްރާހިމް ޖާވިދުއެވެ. އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަޤާމް ހޯދީ އެފްސީ ލެޖެންޑްގެ އިބްރާހިމް އަޒީފްއެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް 45،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާ ވަނީ ދީފައެވެ. މި މުބާރާތަކީ ބްރައިޓް ކްލަބުން އިންތިޒާމްކޮށްގެން ކޮންމެ އަހަރެއްގެވެސް ފިތުރު އީދު ބަންދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި 12 ޓީމެއް ވަނީ ވާދަކޮށްފައެވެ.