ޚަބަރު

ދަފުތަރުގައި ތިބި މީހުން އެމީހަކު ބޭނުން އަވަށަކަށް ވޯޓުލުމުގެ ފުރުޞަތު ދެނީ


މާލޭ ސިޓީގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެ މީހަކު ބޭނުން އަވަށަކަށް ވޯޓުލުމުގެ ފުރުޞަތު ހޯދައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރެފައިވާ ގައިޑް ލައިނުގައިވާ ގޮތުން މާލޭ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް ވޯޓުލުމަށް މާލޭގެ އެކި ދާއިރާތަކަށް ބަހާލަން ޖެހޭ ކަމަށެވެ. އެގޮތަށް އަމަލުކުރުމުން މާލޭގެ އަވަށްތަކުގެ ގޮތުގައި ބެލެވޭ ހުޅުމާލޭގައި ދިރިއުޅޭ މީހަކު ވިލިމާލެއަށް ވޯޓުލާން ޖެހުމަކީ ވެދާނެ ކަމެއް ކަމަށެވެ. އަދި އެއީ ވޯޓްލުމުގައި ރައްޔިތުން އިތުރަށް އުފުލަން ޖެހޭ ތަކުލީފެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ޤާނޫނީ ލަފާ ހޯދުމަށްފަހު ދަފްތަރުގައި ތިބޭ މީހުންނަށް ފަސޭހަކަމާއެކީ ވޯޓުލެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ މީހުންނަށް ޚާއްޞަކޮށް ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަން ހަމަޖެހުނުހާ އަވަހަކަށް އިއުލާން ކުރާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެގޮތަށް ހަމަ ހަމަޖެހިއްޖެނަމަ، އަންނަ މަހުގެ 17 ވަނަ ދުވަހު ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން މާލޭ ދަފުތަރުގައި ތިބޭ ފަރާތްތަކަށްވެސް އެ މީހަކު ބޭނުންވާ ފޮއްޓަކަށް ވޯޓްލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ލިބިގެން ދާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވެފައިވާއިރު ވަގުތު ހަމަވިއިރު 1089 ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި، އެ ޝަކުވާތަކަށް ފަސް ދުވަސް ތެރޭގައި ޖަވާބެއް ދިނުމަށްފަހު، އަންނަ މަހުގެ އެއް ވަނަ ދުވަހު އިސްލާހުކުރެވޭ ވޯޓާސް ލިސްޓް އާންމު ކުރާނެ ކަމަށް އީސީން ބުނެއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ.