ކުޅިވަރު

ސާބާ ޗެމްޕިއަންޝިޕަށްދާ ޓީމްގެ ކެޕްޓަނަކަށް ޒަކިއްޓެ


ޤައުމީ ބާސްކެޓް ޓީމްގެ ކެޕްޓަނަކަށް ޒަކަރިއްޔާ އަބްދުލް ލަތީފް، ޒަކިއްޓެ ހަމަޖައްސާ ކުރިއަށް އޮތް ސާބާ ޗެންޕިއަންޝިޕްއަށް ދާ ޤައުމީ ޓީމް އިޢުލާންކޮށްފިއެވެ.

މިމަހުގެ 25 ގައި ފަށާ ސާބާ ޗެންޕިއަންޝިޕަށް ދާ ޤައުމީ ޓީމް އިޢުލާންކޮށް، އެކުޅުންތެރިންނަށް ވަނީ ޖަރޒީވެސް ހަވާލުކޮށްފައެވެ. ޓީމްގެ ވައިސް ކެޕްޓަނުންނަކީ މުޙައްމަދު ޒިލާލް އާއި އަޙުމަދު ޒަބީރުއެވެ. ޓީމްގެ ކުޅުންތެރިންނަށް ޖަރޒީ ހަވާލްކޮށްދިނީނީ ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހުމަދު ހާފިޒުއެވެ.

ޓީމްގެ ކުޅުންތެރިންނާ ޖާރޒީ ހަވާލު ކުރުމަށްފަހު ގައުމީ ޓީމްގެ ކޯޗް އެމެރިކާގެ ޖޯން ކޮފީނޯ ބުނީ ޓީމްގެ ފަރިތަކުރުންތައް ދިޔަގޮތާއިމެދު ހިތްހަމަޖެހޭކަމަށާއި، ރޯދަމަހުވެސް ކުޅުންތެރިން އެއްބާރުލުން ވަރަށް ބޮޑަށް ލިބުނުކަމަށެވެ. މިފަހަރުގެ މުބާރާތަށް ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރަމުން ކޯޗު ބުނީ ޓީމްގެ އަމާޒަކީ ރަން މެޑަލްކަމަށެވެ. މުބާރާތުގައި ވާދަކުރާ ނޭޕާލް، ސްރީލަންކާ އަދި ބަންގްލަދޭޝް ޓީމަކީ ރާއްޖެއަށް ބަލިކުރެވޭ ވަރުގެ ޓީމްތަކެއްކަމަށްވެސް ކޯޗު ބުންޏެވެ.

އެންމެ ފަހުން ރާއްޖޭގައި ބޭއްވި ސާބާ ޗެންޕިއަންޝިޕްގައި ރާއްޖެއިން ވަނީ ސްރީލަންކާ ބަލިކޮށްފައެވެ. މިމަހުގެ 25 ވަނަ ދުވަހު ބަނގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސާބް ޗެންޕިއަންޝިޕްގެ ކުރިން، އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް މާދަމާ އިންޑިޔާގެ ޗެންނާއީއަށް ބާސްކެޓް ޓީމް ދާނެއެވެ.