ޚަބަރު

ރީ ރެޖިސްޓްރޭޝަންގެ ފުރުޞަތު އަންނަ މަހުގެ 17 ވަނަ ދުވަހު ހުޅުވާލަނީ


ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމުގެ ފުރުޞަތު އަންނަ މަހުގެ 17ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ ރީ ރެޖިސްޓްރޭޝަންގެ ކަންކަން ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން އަންނަ މަހުގެ 17 އިން ފެށިގެން އޮގަސްޓުމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރީ ރެޖިސްޓްރޭޝަންގެ ފުރުޞަތު ހުޅުވާލާނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ އެ މުއްދަތުގައި އެއްވެސް ފަރާތަކުން ރަޖިސްޓްރީ ނުކޮށްފިނަމަ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ފަރާތަކުން ވޯޓުލާން ޖެހޭނީ ރަށްވެފައިވާ ރަށަކަށް ކަމަށެވެ.

"ޤާނޫނު ބުނާގޮތުން ރީ ރެޖިސްޓްރީ ކުރުމުގެ ފުރުޞަތު މި އޮންނަނީ ހަމައެކަނި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލާ ފަރާތްތަކަށް. އެހެންނަމަވެސް މާލޭގެ ދަފްތަރުގައި ވަރަށް ގިނަ ފަރާތްތައް އެބަ ތިއްބެވި. އަޅުގަނޑުމެން މި ޖެހެނީ ހުރިހާ ދާއިރާތަކަކަށް ހަމަހަމައަށް ބަހާލަން ދަފްތަރުގައި ތިއްބެވި ފަރާތްތައް. މިހެން ބަހާލާއިރުގައި ކަން ދިމާކުރާ ގޮތުން ވިލިމާލޭގައި ހުންނަވާ ބޭފުޅަކު ޖެހިވަޑައިގަންނަވާފާނެ ހުޅުމާލެއަށް ވޯޓުލާންދާން. އެ ފަރާތަކަށް ވަރަށް ބޮޑު ދައްޗަކަށް ވާނެ ހަމަގައިމުވެސް. އަޅުގަނޑުމެން ކޮމިޝަނުން އެބަ މަޝްވަރާ ކުރަން ދަފްތަރުގައި ތިއްބެވި ފަރާތްތަކަށް ރީ ރެޖިސްޓްރީ ކުރުމުގެ ފުރުޞަތު ދިނުމަށް،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާއަށް ބެލުމަށްފަހު ރީ ރެޖިސްޓްރޭޝަންގެ ކަންކަންވެސް ހަރުދަނާ ކުރާނެ ކަމަށެވެ. އެގޮތުން މިއަހަރު ރީ ރެޖިސްޓްރޭޝަންގެ ކަންކަން ރައްޔިތުންނަށް ފަސޭހަ ކުރުމުގެ ގޮތުން ހުޅުމާލޭގައިވެސް އިލެކްޝަންސް ކޮމިޝަނުގެ މަރުކަޒެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ހުޅުމާލެއަކީ ވަރަށް ގިނަ ފަރާތްތައް ދިރިއުޅެމުންދާ ތަނެއް. އެހެންވީމަ ހުޅުމާލޭގައިވެސް މާލެއެކޭ އެއްގޮތަށް ރީ ރެޖިސްޓްރީ ވުމަށްޓަކައި ސެންޓަރެއް ހަދައިގެން އެތަނުގައި އެ ޚިދުމަތް ދޭން. މީގެކުރިން ހުޅުމާލޭގައި އަޅުގަނޑުމެން ބަހައްޓާފައި ހުންނާނީ މޮބައިލް ސްޓޭޝަންތަކެއް. އެހެންނަމަވެސް އެއާއި ޚިލާފަށް އަޅުގަނޑުމެން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެންގެ ސެޓަޕެއް ހުންނާނެ. މި ދެންނެވީ ހަމައެކަނި ރެޖިސްޓްރޭޝަނަކަށް ނޫން. އެ ސެޓަޕް ހުންނާނީ ރީ ރެޖިސްޓްރޭޝަނަށާއި އަދި އިންތިޚާބުގެ އެހެން ކަންކަމަށްވެސް،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މީގެކުރިން ބޭއްވި އިންތިޚާބުތަކުގައި ހުޅުމާލޭގައި ވޯޓުލާން ފަށާ ގަޑި މާލެއަށްވުރެ ލަސް ކޮށްފައި ވީނަމަވެސް މިއަހަރުގެ އިންތިޚާބުގައި ހުޅުމާލެއިންވެސް ވޯޓުލާން ފަށާނީ މާލެއެކޭ އެއް ވަގުތެއްގައި ކަމަށެވެ.