ޚަބަރު

ޖާބިރުގެ ޔޮޓް ޓުއާސްއިން 29 މިލިއަނަށްވުރެ ގިނަ ޑޮލަރު ދަޢުލަތަށް ދައްކަން ޖެހިއްޖެ


ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދަޢުލަތަށް 29 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން ޔޮޓް ޓުއަރސްއަށް ކުރި ޙުކުމުގައިވަނީ، އަލިދޫގެ ކުލީގެ ގޮތުގައި 5.6 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާ ކަމަށެވެ. އަދި ކުލި ދައްކަންޖެހޭ މުއްދަތުގައި ކުލި ދައްކާފައިނުވާތީ ޖޫރިމަނާގެ ގޮތުގައި 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 10ގެ ނިޔަލަށް 23.4 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ޔޮޓް ޓުއާރސް އިން މީރާއަށް ނުއްދަކާ އޮތްކަން ހުށަހަޅާފައިވާ ލިޔެ ކިއުންތަކުން އެނގެން އޮތް ކަމަށްވެސް ސިވިލް ކޯޓުގެ ޙުކުމުގައި ބުނެފައިވެއެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަލީ ކުރައްވާފައިވާ ޙުކުމުގައި ބުނެފައިވަނީ އެ ފައިސާ މީރާއަށް ލިބި ދިނުމުގެ ގޮތުން މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ޚަލާސްކުރަން ޖެހޭނެ ކަމަށެވެ. މީރާއަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން، ކުއްޔާއި ޖޫރިމަނާ ދެއްކުމަށް ކޯޓުން ޔޮޓް ޓުއަރސްގެ މައްޗަށް މީގެ ކުރިންވެސް ޙުކުމް ކޮށްފައި ވެއެވެ.

ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަޤާމު ފުރުއްވާފައިވާ އަދި ކާށިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރ ޢަބްދުﷲ ޖާބިރު ކުންފުންޏެވެ. ހއ. އަލިދޫގައި ރިސޯޓެއް ތަރައްޤީ ކުރަން ލީސް އެގްރީމަންޓެއް ޓޫރިޒަމް މިނިސްޓްރީއާއެކު ޔޮޓް ޓުއަރސް އިން ހަދާފައިވަނީ 2005ވަނަ އަހަރުގެ ތެރޭގައެވެ.