އިލެކްޓްރޯނިކް ސާމާނުން ހަކަތަ ބޭނުންކުރާ މިންވަރު އެނގޭގޮތަށް އެތަކެތި ލޭބަލް ކުރުމާއިގުޅޭ ގޮތުން އެކުލަވާލާ އުސޫލު، އެނާރޖީ އެފިޝަންސީ ސްޓޭންޑަޑްސް އެންޑް ލޭބަލިންގ އުސޫލު އެކުލަވާލުމަށް ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ހުޅުވާލައިފިއެވެ.
އިލެކްޓްރޯނިކް ސާމާނުން ހަކަތަ ބޭނުންކުރާ މިންވަރު އެނގޭގޮތަށް އެތަކެތި ލޭބަލް ކުރުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މަޝްވަރާ ބައްދަލުވުން އޮންނާނީ އަންނަ އޯގަސްޓްމަހުގެ ތެރޭގައެވެ. އެނާރޖީ އެފިޝަންސީ ސްޓޭންޑަޑްސް އެންޑް ލޭބަލިންގ ގެ ބޭނުމަކީ ކަރަންޓް ސާމާނު ގަންނައިރު އެތަކެތި ބޭނުންކުރުމުގައި ހޭދަވާ ކަރަންޓުގެ މިންވަރު ދެނެގަނެ، އެބޭނުމަކާއި ގުޅޭ ތަކެތި އިޚްތިޔާރު ކުރުމަށް މަގުފަހިކުރުމެވެ. އެގޮތުން މި ޕްރޮގްރާމްގައި ލޭބަލް ކުރުމުގައި ފުރަތަމަ އިސްކަންދިނުމަށް ހަމަޖެހިފައިވަނީ އެއަރކޮންޑިޝަނާއި ފުރިޖާއި ދޮންނަމެޝިނަށެވެ.
މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ބުނީ އޮގަސްޓް މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން އަމާޒުކުރާނީ ގޭތެރޭގައި އެކި ބޭނުންތަކުގައި ބޭނުންކުރާ ކަރަންޓް ސާމާނު އެތެރެކޮށް ވިއްކާ ފަރާތްތަކަށްކަމަށެވެ. ހަކަތައާއި ގުޅޭ މިބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފޯމް މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ ކަމަށް އެއޮތޯރިޓީން ބުނެއެވެ.