ޚަބަރު

މެކްސިކޯ ސަރަހައްދަށް އައި ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ


  • ބިންހެލުން އައީ މިރޭ 7:48 ހާއިރު

  • އެސަރަހައްދަށް އައީ 7.3 މެގްނިޓިއުޓުގެ ބާރުމިނުގެ ބިންހެލުމެއް

މެކްސިކޯ ސަރަހައްދަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، މެކްސިކޯ ސަރަޙައްދަށް އައި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިރޭ 7:48 ހާއިރު މެކްސިކޯ ސަރަޙައްދަށް ބިންހެލުން އައިސްފައިވަނީ، 7.3 މެގްނިޓިއުޓުގެ ބާރުމިނުގައި ކަމަށެވެ.

މެޓް އޮފީހުން ވިދާޅުވީ، ބިންހެލުން އައިސްފައިވާ ސަރަޙައްދަކީ މާލެއާއި 17،416 ކިލޯމީޓަރު ދުރުގައި އޮތް ސަރަޙައްދެއް ކަމަށެވެ.

ޚަބަރުތައް ބުނާގޮތުން މެކްސިކޯގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޗިއާޕަސްގެ އައްސޭރިފަށަށް އައި މިބިންހެލުމާއި ގުޅިގެން އެސަރަހައްދަށް ވަނީ ސުނާމީގެ އިންޒާރެއް ނެރެފައެވެ. އަދި މި ބިންހެލުމުގެ ލޮޅުންތައް ސެންޓްރަލް އެމެރިކާގެ ބައެއް ސަރަޙައްދުތަކަށްވެސް ފޯރާފައިވާ ކަމަށް މައުލޫމާތުލިބެއެވެ. މި ބާރުގަދަ ބިންހެލުމުގެ އަސަރު އަވަށްޓެރި ޤައުމުތައް ކަމަށްވާ އެލް ސެލްވަޑޯރ އަދި ގުއަޓެމާލާއަށްވެސް ވަނީ ކޮށްފައެވެ.