ކުޅިވަރު

އަންވާރު ފުޓްސަލްކަޕްގެ ޗެމްޕިއަންކަން ހޯދީ އާރކް އެކްސް


މުޅި ރާއްޖެއަށް ހުޅުވާލައިގެން އދ.ދަނގެތީގައި ބޭއްވި އަންވާރު ފުޓްސަލް ކަޕުގެ ޗެންޕިއަންކަން އާރކް އެކްސް ޓީމުން ހޯދައިފިއެވެ.

އާރކް އެކްސް ޓީމުން މި މުބާރާތުގެ ޗެންޕިއަންކަން ހޯދީ ރޭ ކުޅުނު މި މުބާރާތުގެ ފައިނަލު މެޗުގައި ރިއަލް ކެރެކްޓާރ އާއި ވާދަކޮށް 3-2 ލަނޑުން ކުރި ހޯދައިގެންނެވެ. މި މެޗުގައި އާރކް އެކްސް ޓީމުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ޝިފާއު (ރޮނާ)އެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަނޫންއެވެ.
މި މުބާރަތުގައި މިއަހަރު އަލަށް ބައިވެރިވި ރިއަލް ކެރެކްޓާރއިން ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ނަޒީރުއެވެ. ފައިނަލް މެޗަށް ފަހު ރޭ ވަނީ މުބާރާތުން އެކިއެކި ވަނަތައް ހޯދި ކުޅުންތެރިންނަށް ޓްރޮފީއާއި، ހަނދާނީ ލިޔުން ދީފައެވެ. އެގޮތުން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ރޭގެ މެޗުގައި އާރކް އެކްސް ޓީމުގައި މޮޅު ކުޅުމެއް ދެއްކި އަލީ ޝިފާއު (ރޮނާ)އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ޓޮޕް ސްކޯރާގެ މަޤާމު ހޯދީ ދަނގެތި ޔުނައިޓެޑްގެ މުހައްމަދު ނާއިމްއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އާރކް އެކްސް ޓީމުގެ އިބްރާހިމް ޝަނޫންއެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދަނގެތި ޔުނައިޓެޑްގެ އަހުމަދު މާހިން މުހައްމަދުއެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށްވެސް ވަނީ ޓްރޮފީ ދީފައެވެ. އެ ކުޅުންތެރިންނަކީ، އެޑްވެންޗަރ އެފްސީގެ އަހުމަދު ފިޔާޒް، ރިއަލް ކެރެކްޓާރގެ އިސްމާއިލް ނަޒީރު އަދި ދަނގެތި ޔުނައިޓެޑްގެ މުހައްމަދު ނާއިމްގެ އިތުރުން އާރކް އެކްސް ޓީމުގެ އަލީ ޝިފާއު އާއި އިބްރާހިމް ޝަނޫންއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ، ލިލީ ބީޗް ރިސޯޓް ފުޓްސަލް ޓީމުގެ މުހައްމަދު ރަމީޒްއެވެ.

މި މުބާރާތުގެ ޗެންޕިއަންކަން އާރކް އެކްސް ޓީމުން ހޯދުމާއެކު އެޓީމު ވެގެންގޮސްފައިވަނީ މި މުބާރާތުގެ ތާރީޚުގައިވެސް ޖެހިޖެހިގެން ދެފަހަރު މުބާރާތް ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. މި މުބާރާތަކީ އދ.ދަނގެތީގެ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުލް އަންވާރުގެ ފަރާތުން އިންތިޒާމްކޮށްގެން ކޮންމެ އަހަރެއްގެވެސް ފިތުރު ޢީދު ބަންދުގައި އެރަށުގައި ކުރިޔަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި 16 ޓީމެއް ވާދަކުރިއެވެ.