ކުޅިވަރު

ފީފާ ވަރލްޑްކަޕް: ރަޝިޔާ - އުރުގުއޭ


ޓީމުގެ ހުރިހާ މެމްބަރުންވެސް މިހާރު ބޭނުންވަނީ މުޅި ދުނިޔެ ޓީމާ މެދު ދެކޭގޮތް ބަދަލުކުރަން ކަމަށާއި، އުރުގުއޭ މެޗަށް ނިކުންނާނީ އެކަމަށް ތައްޔާރުވެ ރަނގަޅު ފައިޓެއް ދޭން ކަމަށް ސައުދީ އަރަބިއާގެ ކޯޗު ހުއާން އެންޓޯނިއޯ ޕިޒީ ބުނެފިއެވެ.

ވަރލްޑް ކަޕްގެ ގްރޫޕް އޭގައި މިރޭ އުރުގުއޭ އާއި ބައްދަލުކުރާ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ކޯޗު ޕިޒީ ބުނީ ޓީމުގެ ހުރިހާ މެމްބަރުންވެސް ތިބީ ފުރަތަމަ މެޗުގެ ކުޅުމާއި މެދު ހިތްހަމަ ނުޖެހިފައި ކަމަށާއި، އެކަމުގެ ޒިންމާ ކޯޗު ނަގާކަމަށެވެ. އެހެންނަމަވެސް މިހާރު ބޭނުންވަނީ އެބަލި ހަނދާން ނައްތާލުމަށްފަހު ކުރިއަށް އޮތް މެޗުގައި ރަނގަޅު ފައިޓެއް ދޭން ކަމަށެވެ. ރަޝިއާ އާއި ހިލާފަށް އުރުގޭ ޓީމުގައި ތަފާތު މޮޅު ދެ ފޯވާޑުން އެބަތިބި ކަމަށާއި، އެހެންނަމަވެސް މިހާރު ސައުދީ ޓީމަށް ސުއަރޭޒް އާއި ކަވާނީ އާއި މެދު ވިސްނެން ނެތްކަމަށް ކޯޗު ބުންޏެވެ. މެޗަށް ނިކުންނާނީ ސައުދީ އަކީވެސް އުރުގުއޭ ފެންވަރުގެ ޓީމެއްގެ ގޮތުގައި ގަބޫލްކޮށްގެން ކަމަށް ސައޫދީ ކޯޗު ބުންޏެވެ.

އުރުގުއޭ ކޯޗު އޮސްކަރ ތަބަރޭޒް ބުނީ މެޗަކުން ބަލިވުމަކީ ޓީމަކަށް ބޮޑު ބަދަލުތަކެއް ގެނުވާ ކަމެއް ކަމަށާއި، މޮޅަކަށްވުރެ ބައްޔަކުން މާގިނަ އެއްޗެހި ދަސްވެގެން ދާނެ ކަމަށެވެ. އެހެންކަމުން ސައުދީ އާއި ދެކޮޅަށް ނިކުންނާނީ ރަޝިއާ އާއި ސައުދީ ކުޅުނު އިރު ފެނިގެންދިޔަ ސައުދީ ކަމުގައި ބަލައިގެން ނޫންކަމަށާއި ވަރުގަދަ މެޗަކަށް ތައްޔާރުގެން ކަމަށް ތަބަރޭޒް ބުންޏެވެ.

މިމެޗު ކާމިޔާބުކޮށް ސައުދީ މުބާރާތުން ކަޓުވާލުމަށްފަހު އުރުގުއޭއަށް ދެވަނަ ބުރުގެ ޖާގައެއް ޔަގީން ކުރެވޭނެއެވެ. ސައޫދީއާއި އުރުގުއޭ ވާދަކުރާ މެޗު ފަށާނީ މިރޭ 8 ޖަހާއިރުއެވެ.