ޚަބަރު

ރާޅުގުޑި ކައިޓް ފެސްޓިވަލްގެ މީޑިއާ ޕާރޓްނަރަކަށް ޕީއެސްއެމްގެ މޯލްޑިވްސް ޓީވީ ހަމަޖައްސައިފި


މިއަހަރުގެ ރާޅުގުޑި ކައިޓް ފެސްޓިވަލްގެ މީޑިއާ ޕާރޓްނަރަކަށް ޕީއެސްއެމްގެ މޯލްޑިވްސް ޓީވީ ހަމަޖައްސައިފިއެވެ.

މިއަދު ޓީވީ ބިލްޑިންގްގައި އޮތް ޚާއްޞަ ރަސްމިއްތެއްގައި މިކަމާބެހޭ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ. އަދި މި ފެސްޓިވަލް އިންތިޒާމްކުރާ ސްލޯޓެޕްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު ފައިސަލް އެވެ.

މި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕީއެސްއެމްގެ ޑިރެކްޓަރ އީކޮމާރސް އެންޑް މާރކެޓިންގ އިބްރާހީމް ނަސްރީން ވިދާޅުވީ، ޒުވާނުންނާ ގުޅުންހުރި މިފަދަ ހަރަކާތްތައް ޕްރޮމޯޓްކޮށް، ޒުވާނުންނަށްހުރި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ޕީއެސްއެމްގެ މެނޭޖްމެންޓުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި މި އިވެންޓަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމާ ގުޅޭ އިވެންޓަކަށްވާތީ މޯލްޑިވްސް ޓީވީ އިން މި ހަރަކާތުގައި ބައިވެރިވީކަމަށް ނަސްރީން ވިދާޅުވިއެވެ.

"މޯލްޑިވްސް ޓީވީގެ މަޤްޞަދަކީ ރާއްޖޭގެ ޑެސްޓިނޭޝަން ޕްރޮމޯޓިންގ ވީމަ ރާއްޖޭގެ ފަރުތުވެރިކަމާއި، ރާއްޖޭގެ ރީތިކަން ފެންނަގޮތަށް ބާއްވާ ކޮންމެ އިވެންޓެއްގައި އަޅުގަނޑުމެން މިދަނީ ބައިވެރިވަމުން" އިބްރާހީމް ނަސްރީން ވިދާޅުވިއެވެ.

ސްލޯޓެޕްގެ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު ފައިސަލް ވިދާޅުވީ، ރާޅުގުޑި ފެސްޓިވަލް ކުރިއަށްގެންދާ މިއީ 3 ވަނަ ފަހަރުކަމަށެވެ. އަދި ކޮންމެ އިވެންޓަކަށް އާ ބަޔަކު ތައާރަފްކޮށް، އާ ބަޔަކަށް ކައިޓް ސަރފިން ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މި ފެސްޓިވަލް ކުރިއަށްގެންދަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމާވެސް ގުޅުވައިގެން ކަމަށެވެ.

ރާޅުގުޑި ފެސްޓިވަލް މިއަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ހުޅުމާލޭ ޔޫތް ސިޓީގައެވެ. މި ފެސްޓިވަލް ބަލާލަން ބޭނުންވާ ޒުވާނުންނަށް އެޗްޑީސީގެ ފަރާތުން ދަތުރުފަތުރުގެ އިންތިޒާމްވެސް ހަމަޖެހިފައިވާކަމަށް މި ފެސްޓިވަލް އިންތިޒާމްކުރާ ސްލޯޓެޕްއިން މައުލޫމާތުދެއެވެ.

މި ފެސްޓިވަލް ކުރިއަށްގެންދަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމާވެސް ގުޅުވައިގެންނެވެ. އެގޮތުން ރާއްޖޭގެ ރީތި މޫދާއި ކަނޑުތައް ދައްކުވައިދޭ ޑޮކިއުމެންޓްރީއެއް މި އިވެންޓްގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހަރަކާތުގައި ބައިވެރިވާ އެންމެންނަށްވެސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭ ގޮތަށް ވަރަށް ކުލަގަދަކޮށް ކަމަށް ހަރަކާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.

މި ފެސްޓިވަލްގެ މީޑިއާ ޕާރޓްނަރުގެ ގޮތުގައި މިދިޔަ އަހަރުގެވެސް ހަރަކާތްތެރިވީ ޕީ.އެސް.އެމް އެވެ.