ޚަބަރު

ދިވެހިންގެ މަސައްކަތްތެރިކަން ދައްކުވައިދޭ މުބާރާތެއް ބާއްވަނީ


ދިވެހިންގެ ސަޤާފަތް ރަމްޒުކޮށްދީ ދިވެހިންގެ އާދަކާދަ ދައްކުވައިދޭ ހަރަކާތްތަކަކާއި އެކު އެމްއެންޑީއެފުން "ހެސަ ވާދަ 2018"ގެ ނަމުގައި މުބާރާތެއް ބާއްވަން ނިންމައިފިއެވެ. އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ވާދަވެރި ރޫހެއްގައި ސިފައިންގެ ހަށިހެޔޮކަން ދެމެހެއްޓުމަށް ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި އެމްއެންޑީއެފްގެ 17 ޔުނިޓަކުންވަނީ ބައިވެރިވެފައެވެ. ބައިވެރިވާ ޓީމްތަކުގެ މެދުގައި، ދުވުން، ދޯނި އެހެލުން، ގަސްކެނޑުން، ރުކަށްއެރުން، އަދި ކާށި ހެހުންފަދަ ގިނަ މުބާރާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. މުޅިން އަލަށް އެމްޑީއެފްއިން ފެށި މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުގައި، ކޮންމެ ރެއަކު އަށަކުން ބާރަޖަހަންދެނެވެ. މުބާރާތް ކުރިއަށްދާ ވަގުތު، މުބާރާތް ބެލުމަށް އެ ސަރަޙައްދައް ވަނުމަށް އާއްމުންނަށްވެސްވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ މެދުގައި އެންމެ އަވަހަށް އިވެންޓްތައް ފުރިހަމަކުރާ ތިން ޓީމް ހޮވައި ވަނަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ކުރިއަށްދާނީ މިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށެވެ.