ރޮމެލޫ ލުކާކޫގެ ދެ ލަނޑުން ޕެނަމާގެ މައްޗަށް ކުރި ހޯދާ ގްރޫޕް ޖީގެ ފުރަތަމަ ތިން ޕޮއިންޓް ބެލްޖިއަމް ހޯދައިފިއެވެ.
ރަޝިއާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ބެލްޖިއަމް އާއި ޕެނަމާ ބައްދަލުކުރި މެޗު ބެލްޖިއަމް ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ ދެޓީމުން ކުރެ އެއްޓީމަކަށްވެސް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.
އެހެންނަމަވެސް ދެވަނަ ހާފްގެ ދެވަނަ މިނެޓުގެ ތެރޭ ބެލްޖިއަމް ވަނީ ލަނޑު ޖަހައި ލީޑް ނަގާފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ އިޓަލީގެ ނަޕޮލީގައި ކްލަބް ފުޓްބޯޅަ ކުޅެމުންދާ ޑްރީސް މަރޓެންސްއެވެ.
މެޗުގެ ދެވަނަ ލަނޑު މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ ކާމިޔާބުކޮށްދިނީ މެންޗެސްޓަރ ސިޓީގެ މިޑްފިލްޑަރ ކެވިން ދެ ބްރައިން ނަގައިދިން ހުރަހަކުންނެވެ.
ލުކާކޫގެ ދެވަނަ ލަނޑު އަދި ބްލެޖިއަމްގެ ތިން ވަނަ ލަނޑަކީ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ދިން ޕާހަކުން ލުކާކޫ ކާމިޔާބުކުރި ލަނޑެކެވެ. ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އަލަށް ކޮލިފައިވެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ތިނެއް ސުމަކުން ޕެނަމާ ބަލިވިއިރު އެޓީމްގެ ކޯޗު ހެނާން ޑާރިއޯ ގޮމޭޒް މެޗަށް ފަހު ބުނީ މިއީ ޕެނެމާ ޓީމު ކުޅުންތެރިންގެ އިތުރުން މުޅި ޤައުމަށްވެސް ވަރަށް އިޙްސާސްތަކުން ފުރިފައިވާ ދުވަހެއް ކަމަށެވެ.
ޕެނެމާ މެޗުން ބަލިވިނަމަވެސް ބަލިވީ ވަރަށް ހިއްވަރުކޮށްގެން ކަމަށާއި މެޗުގައި ފެނުނީ ދަށް ކުޅުމެއް ނޫންކަމަށްވެސް ޑާރިއޯ ބުންޏެވެ. ޕެނެމާއި ބެލްޖިއަމްގެ އިތުރުން ގްރޫޕް ޖީގައި ދެން ހިމެނެނީ އިންގްލޭންޑާއި ޓިއުނީޝިއާއެވެ.