ޚަބަރު

ވޯޓާސް ލިސްޓަށް މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން ޝަކުވާ ހުށައަޅާފައެއްނެތް - އީސީ


ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން ޝަކުވާ ހުށައަޅާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ޕީ.އެސް.އެމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު، އަޙްމަދު އަކްރަމް ވިދާޅުވީ، މިމަހުގެ 3 ވަނަ ދުވަހު ޢާންމުކުރި ވޯޓާސް ލިސްޓަށް މިހާތަނަށް ހުށައަޅާފައިވަނީ ޖުމްލަ 21 ޝަކުވާ ކަމަށެވެ. އެގޮތުން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ މަރުވެފައިވާ ބައެއް މީހުން ލިސްޓްގައި ހިމެނޭ މައްސަލައާއި 18 އަހަރު ނުފުރޭ ކުޑަކުދިންގެ ނަން ލިސްޓުގައި ހިމެނޭ މައްސަލަތަކެވެ.

އަކްރަމް ވިދާޅުވީ، މިހާތަނަށް ވޯޓާސް ލިސްޓާއި ގުޅިގެން އެއްވެސް ސިޔާސީ ޕާޓީއަކުން އެކޮމިޝަނަށް ޝަކުވާއެއް ހުށައަޅާފައި ނުވާކަމަށާއި، އެހެން ނަމަވެސް، ވޯޓާސް ލިސްޓާއި ގުޅިގެން އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާ މަޝްވަރާ ކުރިކަމަށެވެ. މިމަޝްވަރާގައި އެޕާޓީން އެދުނީ ޝަކުވާ ހުށައެޅުމުގެ މުއްދަތު އިތުރުކުރުން ފަދަ ކަންކަމާގުޅިގެން ކަމަށާއި، ޤާނޫނީ އިމުގެ ތެރެއިން ކޮށްދެވެން ހުރި ކަންކަން ކޮށްދޭނެކަމަށް އެޕާޓީއަށް އަންގާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ނަމަވެސް ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު އިތުރުކުރެވެން ނެތްކަން އިލެކްޝަންސް ކޮމިޝަނުންވަނީ އެޕާޓީއަށް އަންގާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ދެލައްކަ ފަސްދޮޅަސް ތިންހާސް އެއްސަތޭކަ އަށްޑިހަ އެއް މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާއިރު، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހާހަމައަށް ވަނީ ހުޅުވާލާފައެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.