ޚަބަރު

ހަ ރޯދައަށް ފަހު ވެމްކޯގެ ކުނިނަގާ ގަޑިތަކަށް ބަދަލުއަންނާނެ - ވެމްކޯ


ޝައްވާލުމަހުގެ ހަރޯދައަށް ފަހު ވެމްކޯގެ ކުނިނެގުމުގެ އޮޕަރޭޝަންތައް ކުރިއެކޭ އެއްގޮތަށް ބަދަލުވެގެންދާނެކަމަށް ވެމްކޯއިން ބުނެފިއެވެ. ރަމަޟާން މަހާދިމާކޮށް އެކޯޕަރޭޝަނުން ޚިދުމަތްދޭ ގަޑިތަކަށްވަނީ ބަދަލުގެނެސްފައެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ރަމަޟާންމަހާ ދިމާކޮށް އެކޯޕަރޭޝަނުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނައެވެ. ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފުންވެސް ރޯދަމަހާ ދިމާކޮށް ލުޔެއް ދީފައިވީނަމަވެސް މާލޭގެ މަގުތަކުގައި ކުނި ގިނަވުމާ ގުޅިގެން ޚިދުމަތްދޭ ގަޑިތައް ރަމަޟާންމަހު އެކޯޕަރޭޝަނުން އިތުރުކޮށް ޚިދުމަތް ފޯރުކޮށްދިނެވެ.

އެގޮތުން ރަމަޟާންމަސް ފެށުނުއިރު ރޭގަނޑު އަށެއްޖަހާއިރު ކުނި ނެގުމުގެ މަސައްކަތް ފެށިނަމަވެސް މާލޭގެ މަގުތަކުގައި ކުނި ގިނަވުމުގެ ޝަކުވާ ލިބެންފެށުމާ ގުޅިގެން މެންދުރު ފަހު 14:00 އިން ހަވީރު 17:00 އާ ހަމައަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ވަނީ ޚިދުމަތް ދީފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރަމްގައި ވާހަކަ ދައްކަވަމުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ސުޕަރވައިޒަރ ހައުސްހޯލްޑް ސަރވިސް ނަސްރުﷲ އަޙްމަދު ވިދާޅުވީ ހަރޯދައަށް ފަހު ރަމަޟާންމަސް ފެށުމުގެ ކުރިން ކުނި ނެގި އުސޫލުން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށެވެ. އެގޮތުން މެންދުރު ފަހު 14:00 ގައި ކުނި ނަގަންފަށާއިރު ރަމަޟާން މަހާ ޚިލާފަށް ރޭގަނޑު 22:00 އާ ހަމައަށް ހުރިހާ ގަޑިތަކެއްގައި ކުނިނަގާނެކަމަށް އެނާ ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވެމްކޯގެ އެސިސްޓެންޓް މެނޭޖަރ ކޮމަރޝަލް ސަރވިސް ޢަބްދުﷲ ސިނާން ވިދާޅުވީ، މިހާރު ކުނި ނެގުމުގެ މަސައްކަތްކުރިއަށްދަނީ ވަރަށް ބޮޑަށް ރޭވިގެންކަމަށެވެ. އެގޮތުން ކުނި ނުނަގާ ހުރިނަމަ އެކޯޕަރޭޝަންގެ ކަސްޓަމަރ ކެއަރ ހޮޓްލައިނަށް ގުޅާލުމުން ވެމްކޯގެ އެމަރޖެންސީ ރެސްޕޮންސް ޓީމުން އެގެއަކުން ކުނި ނެގުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށެވެ. މިއީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ ޢަޒުމުގައި އެކުންފުނިންދޭ ޚިދްމަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ ކުނީގެ މައްސަލަ ޙައްލުކުރުމަށް ވެމްކޯއިން މަސައްކަތްކުރަމުންދާއިރު މިރަމަޟާން މަހުގެ ފުރަތަމަ ހަފުތާތެރޭގައި މަގުތަކުގައި ކުނި ގިނަވުމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ. ސޯޝަލް މީޑިއާގައިވެސް ތަފާތު ޝަކުވާތައް އިތުރުވެފައިވާއިރު ވެމްކޯގެ އިލްތިމާސަކީ ކުނި ބަހައްޓާއިރު ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުމަށާއި ކުނި ނުނަގާ 24 ގަޑި އިރުވެއްޖެނަމަ ކަސްޓަމަރ ކެއަރއަށް ގުޅާ އެކަން ރިޕޯޓުކުރުމަށެވެ. ވެމްކޯއިން ކުނި އުކާލުމުގެ ޚިދްމަތް ފެށިފަހުން މާލޭގެ މަގުތަކުން ކުނި ގިނަވުމުގެ މައްސަލަވަނީ ޙައްލުކުރެވިފައެވެ. ކުރިއަށް އޮތްތަނުގައި ވެމްކޯގެ ޚިދްމަތް ފުޅާކޮށް، މިހާރަށްވުރެ ބޮޑަށް ޚިދުމަތް ހަރުދަނާ ކުރުމަށް މަސައްކަތްކުރަމުންދާނެކަމަށް ވެމްކޯއިން ބުނެއެވެ.