ޚަބަރު

ފޮރިން މިނިސްޓަރގެ ޖަޕާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ.މުހައްމަދު ޢާސިމް ޖަޕާނަށްކުރެއްވި ތިންދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. މިދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ޖަޕާނު ސަރުކާރުގެ ފަރާތުން 2.7 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމާބެހޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ.މުހައްމަދު ޢާސިމް ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯއާ ބައްދަލްކޮށްފައިވެއެވެ. މިބައްދަލްކުރެއްވުމުގައި ރާއްޖެއާއި ޖަޕާނާ އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާކުރުމާބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކޮށްފައިވެއެވެ. މިގޮތުން ތިމާވެށި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް، ޑިޒާސްޓަރ ޕްރިވެންޝަން، ޓޫރިޒަމް އަދި ޞިއްޙީ ދާއިރާއިން ދެޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލްވުމުގެ ތެރެއިން ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްޤީއަށް ޖަޕާނު ސަރުކާރުގެ ފަރާތުން 2.7 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމާބެހޭ އެއްބަސްވުމުގައިވެސް ސޮއިކޮށްފައިވެއެވެ. ޖަޕާން ސަރުކާރުން މި އެހީ ދީފައިވަނީ އެޤައުމުން ކުރިއަށްގެންދާ "ޖަޕަނީޒް އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ޕްރޮގްރާމް"ގެ ދަށުންނެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޖަޕާނާއި ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމުގެ މަސްލަޙަތު ހިމެނޭ މުހިއްމު ކަންތައްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި ބާއްވާ "މޯލްޑިވްސް ޖަޕާން ޑައިލޮގު"ގެ ފުރަތަމަބުރު މިނިސްޓަރގެ ދަތުރުފުޅުގެ ތެރެއިން ވަނީ ބާއްވާފައެވެ. މި ޑައިލޮގްގައި ދެ ޤައުމު ގުޅުގެން މަސައްކަތް ކުރެވެން ހުރި ދާއިރާތަކާއި، އެއްބާރުލުން އިތުރުކުރަން ބޭނުންވާ ދާއިރާތަށް ދެނެގަތުމަށް މަޝްވަރާކުރައްވާފައިވާކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަން އަދި އިންވެސްޓްމަންޓް އިތުރުކުރުމާބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވަނީ ފޮރިން މިނިސްޓްރީގެ ސެކެރެޓަރީ ބައިލެޓަރަލް އަހުމަދު ޚަލީލާއި ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޓަކިޒާކީއެވެ. މި ބައްދަލިކުރެއްވުމުގައި ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކެޓްރީ އާދަމް ޙަމީދުގެ އިތުރުން ސެކަންޑް ސެކްރެޓަރީ މުޙައްމަދު ތަހުސީންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފޮރިން މިނިސްޓަރ ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ އެ ޤައުމުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މިގޮތުން ޖަޕާނުގެ އެންވަޔަރަމަންޓް މިނިސްޓަރާއި، ޓޯކިޔޯގައި ހުންނަ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ، ޖައިކާގެ ރައީސްގެ އިތުރުން ޖަޕާން މޯލްޑިވްސް ފްރެންޑްޝިޕް ލީގުގެ ރައީސްއާއި ރާއްޖޭގެ ފޮރިން މިނިސްޓަރ ވަނީ ބައްދަލުކުރައްވާ، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މޯލްޑިވްސް ޖަޕާން ޑައިލޮގުގެ ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވާފައިވާއިރު، ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީއިން، ޓްރެވަލް ޓްރޭޓް މަންދޫބުންނަށް އަމާޒުކޮށް ބޭއްވި ސެމިނާއެއްގައިވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.