ޚަބަރު

އޮސާކާއަށް އައި ބިންހެލުމުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުލިބޭ - ދިވެހި އެމްބަސީ


ޖަޕާނުގެ އޮސާކާއަށް އައި ވަރުދަގަ ބިންހެލުމުގެ ސަބަބުން އެސަރަހައްދުގައި އުޅޭ ދިވެހިންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށް ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ބުނެފިއެވެ. ޖަޕާނުގެ ޓޯކިއޯގައި ހުންނަ ދިވެހި އެމްބަސީން ބުނީ އޮސާކާގައި ތިބި ދިވެހިންނާއި އެންބަސީއިން ގުޅާ އެމީހުންގެ ހާލު ބަލާފައިވާކަމަށެވެ. އެސަރަހައްދުގައި ތިބި ހުރިހާ ދިވެހިންވެސް ހާލުވެސް ރަގަނޅުކަމަށާއި މި ހާދިސާ ވަރަށް ގާތުން ބަލަމުންދާކަމަށްވެސް ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީން ބުނެއެވެ. އޮސާކާގައި ތިބި ދިވެހިންގެ ތެރެއިން އެއްވެސް ފަރާތަކަށް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ އެމްބަސީ އާއި ހިއްސާކުރުމަށްވެސް އެމްބަސީއިން އެދެއެވެ.

ހުޅަނގު ޖަޕާނުގެ އޮސާކާއަށް އައި 6.1 ގެ ބާރުމިނުގެ ބިންހެލުމުގެ ސަބަބުން ދިމާވި އެކި ހާދިސާތަކުގައި މިހާތަނަށް 3 މީހުންވަނީ މަރުވެފައެވެ. ނަމަވެސް މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް ނާރާނެކަމަށް ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ބިންހެލުން އައި ސަރަހައްދުގައި ހުރި ނިއުކްލިއަރ ޕްލާންޓުތަކުގައި އެއްވެސް މައްސަލައެއް ޖެހިފައިވާކަން އެނގިފައެއް ނުވާކަމަށްވެސް ޖަޕާނުން ބުނެއެވެ.