ކުޅިވަރު

ޗެމްޕިއަން ޖަރމަނީގެ މައްޗަށް މެކްސިކޯ ކުރި ހޯދައިފި


ޗެމްޕިއަން ޖަރމަނީ ބަލިކޮށް، މެކްސިކޯ ފެންވަރު ދައްކާލައިފިއެވެ.

ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި މިރޭ ޗެމްޕިއަން ޖަރމަނީގެ މައްޗަށް 1-0 ން މެކްސިކޯ ކުރި ހޯދީ މޮޅަށް ކުޅެގެންނެވެ. ރަނގަޅު ކޮމްބިނޭޝަނަކާއެކު ތަނަވަސްކުރި ފުރުޞަތެއްގައި މެކްސިކޯގެ ލަނޑު 35 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ލޮޒާނޯއެވެ. މީގެއިތުރުންވެސް މެކްސިކޯއިން ވަނީ ޖަރމަނީގެ ޕެނަލްޓީއޭރިޔާ ތެރެއަށްވަދެ ފުރުޞަތު ތަނަވަސްކޮށްފައެވެ. ޖަރމަނީން ދުރުން ޖަހައިގެން ގޯލެއް ޖަހަން ކުރި މަސައްކަތްވެސް މެޗުގައި ކާމިޔާބެއްނުވިއެވެ.

ޖަރމަނީ މެޗުން ބަލިވިއިރު އެޓީމަކީ މިފަހަރުވެސް ވަރލްޑްކަޕްގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ. ޗެމްޕިއަނުންގެ ގޮތުގައި އައިސް ވަރލްޑްކަޕާ ކުރިމަތިލާ މީގެކުރިންވެސް ބައެއް ޓީމްތައް ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ. އެގޮތުން 2010 ގެ ޗެމްޕިއަން ސްޕެއިން ވަނީ 2014 ވަނަ އަހަރު ފުރަތަމަ މެޗުގައި 5-1 ން ނެދަލެންޑް އަތުން ބަލިވެފައެވެ. 1998 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސް ވަނީ 2002 ވަނަ އަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 1-0 ން ސެނެގޯލް އަތުން ބަލިވެފައެވެ. ޗެމްޕިއަނުންގެ ގޮތުގައި އައިސް އާޖެންޓީނާ ވަނީ 1990 ވަނަ އަހަރު ކެމަރޫން އަތުން އެކެއް ސުމަކުން ބަލިވެފައެވެ.