ޚަބަރު

މެދުއިރުމަތީގެ ސުލްޙައަށް ކުރާ މަސައްކަތުގައި އެމެރިކާގެ ދައުރާމެދު ސުވާލު އުފެދިފައި


ފަލަސްޠީނާއި އިސްރާޢީލާ ދެމެދު ސުލްޙަ ޤާއިމުކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވާނެކަމަށް ފަލަސްޠީނުގެ ސަރުކާރުން ބުނެފިއެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ފަލަސްޠީނުގެ ސަރުކާރުގެ ތަރުޖަމާނު ނަބިލް ޢަބޫ ރުދައިނާޙް ވިދާޅުވީ، މެދުއިރުމަތީގެ ސުލްޙައިގެ މަސައްކަތް އެމެރިކާއިން ކުރަމުންދަނީ، ޢަރަބި ޤައުމުތަކުން ނެރެފައިވާ ޤަރާރުތަކާއި އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކުގެ އިތުރުން ފަލަސްޠީނުގެ ރައްޔިތުން އެދޭ ގޮތާވެސް ޚިލާފަށް ކަމަށެވެ. އެހެންކަމުން އެމެރިކާގެ މި މަސައްކަތްތައް ކާމިޔާބު ނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަބިލް ވިދާޅުވީ، މިމަސައްކަތުގައި އެމެރިކާގެ ސަރުކާރުގެ އިސް ވަފުދެއް އަންނަ ހަފުތާގައި މެދު އިރުމައްޗަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުވެސް ކާމިޔާބު ނުވާނެ ކަމަށެވެ. މި ދަތުރުގައި ބައިވެރިވަޑައިގަތުމަށް ހަމަޖެހިފައިވަނި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން މެދު އިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޙާއްސަ މުޝީރު ޖެރާޑް ކުޝްނަރ އާއި އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޙާއްސަ މަންދޫބު ޖޭސަން ގްރީންބޯލްޓެވެ.

މި ބޭފުޅުންގެ ދަތުރުގައި އިސްރާއީލާ، އުރުދުންގެ އިތުރުން މިސްރަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާއިން އިސްރާއީލުގައި ޤާޢިމުކޮށްފައިވާ އެމްބަސީ ޤުދުސްގައި އަލުން ހުޅިވި މައްސަލައިގައި ފަލަސްޠީނުން ވަނީ އެމެރިކާއާ ރަސްމީ ގުޅުންތައް ކަނޑާލާފައެވެ.