ޚަބަރު

އަފްޣާނިސްތާނުގައި ހަމަލާތައް މެދުކަނޑާލަން އެކުލަވާލި އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފި


އަފްޣާނިސްތާނުގައި ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް ނިންމާ އެ ޤައުމުގެ އަސްކަރިއްޔާ އާއި އެ ޤައުމުގައި ހަރަކާތްތެރިވާ ޠާލިބާން ހަނގުރާމަވެރިން ކަނޑައެޅި މުއްދަތު އިތުރުކުރަން އަފްޣާނިސްތާނުގެ ސަރުކާރުން ނިންމައިފިއެވެ. އެއްވެސް ޝަރުޠަކާ ނުލައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ތާލިބާނު ޖަމާޢަތަށް ހަމަލާތައް ދިނުން ހުއްޓާލާފައިވަނީ ފިތުރު ޢީދުގެ މުނާސަބާއާ ދިމާކޮށެވެ.

ހޮނިހިރު ދުވަހު ޤައުމާ މުޙާތަބްކުރައްވާ ދެއްވި ޚިތާބެއްގައި އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވީ، އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ޠާލިބާން ހަނގުރާމަވެރިންނަށް އެއްވެސް ޝަރުޠެއް ކުރިމަތިނުކޮށް ހަމަލާ ދިނުން ހުއްޓާލުމަށް ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތު އިތުރުކޮށްފައިވާކަމަށެވެ. ޣަނީގެ ވާހަކައިގައި މިމުއްދަތު އިތުރުކޮށްފައިވަނީ ކިހާ ދުވަހަކަށް ކަމެއް ބަޔާންކުރައްވާފައެއް ނުވެއެވެ. ފިޠުރު ޢީދާ ދިމާކޮށް ތާލިބާނު ޖަމާޢަތުންވެސް އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށްގެން ހަމަލާ ދިނުން މެދުކަނޑާލާފައިވާ އިރު، އެ ޖަމާޢަތުން ބުނެފައިވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލާނީ ހުކުރު ދުވަހުން ފެށިގެން ތިން ދުވަހަށް ކަމަށެވެ.

ޣަނީ ވަނީ ޠާލިބާނު ޖަމާޢަތުންވެސް ހަމަލާތައް ބަދަލުކުރުން މެދުކަނޑާލާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ގޮވާލައްވާފައެވެ. ޣަނީ ވިދާޅުވީ، އަފްޣާނިސްތާނުގެ ސަރުކާރުން އޮތީ ޠާލިބާނުންނާ އެކު ތަފްޞީލީ މަޝްވަރާތައް ކުރަން ތައްޔާރަށްކަމަށެވެ. އަފްޣާނިސްތާނުގެ ރައީސް ވިދާޅުވީ، ޠާލިބާނު ޖަމާޢަތުން ހުށަހަޅާފައިވާ ޝަރުތުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އަފްޣާނިސްތާނުގެ ސަރުކާރުން ތައްޔާރަށް އޮތް ކަމަށާއި، ސުލްޙައިގެ މަޝްވަރާކުރުމަށް އަފްޣާނިސްތާނު ސަރުކާރުން ބޭނުންވާކަމަށެވެ.

އަފްޣާނިސްތާނުގެ ސަރުކާރުން މީގެ ކުރިންވެސް ވަނީ ތާލިބާނުންނާ އެކު މަޝްވަރާތައް ކުރުމަށް ހުށަހަޅާފައެވެ. އެހެންނަމަވެސް، ތާލިބާނު ޖަމާޢަތުން ވަނީ މި ހުށަހެޅުންތައް ޤަބޫލުނުކުރާނެކަމަށް ބުނެފައެވެ. ޠާލިބާނުންނަށް ދޭ ހަމަލާތައް ހުއްޓާލުމަށް އަފްޣާނިސްތާނުގެ ސަރުކާރުން ނިންމާފައިވާ ނިންމުމުގެ މުއްދަތު އިތުރުކުރުމާއެކު އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވަނީ މިކަމަށް މަރުޚަބާ ވިދާޅުވެފައެވެ. ގުޓެރޭސް ވިދާޅުވީ، އަފްޣާނިސްތާނުގެ މި ނިންމުމަށް އިޙްތިރާމްކޮށް ތާލިބާނު ޖަމާޢަތުންވެސް ހަމަލާތައް ބަދަލުކުރުން ހުއްޓުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.