ވިޔަފާރި

ނޫނު ޑޮމެސްޓިކް އެއާޕޯޓްގެ މަސައްކަތް އަންނަ އޯގަސްޓް މަހުގެތެރޭގައި ފަށަނީ





 


ނ. މާފަރުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ނޫނު ޑޮމެސްޓިކް އެއާޕޯޓްގެ އަމަލީ މަސައްކަތް އަންނަ އޯގަސްޓް މަހުގެތެރޭގައި ފެށޭނޭ ކަމަށް މާފަރު އެއާޕޯޓްގެ ކޮންޓްރެކްޓަރ  މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓުން ބުނެފިއެވެ.


 
އެމް ބީސީ ނިއުސް އަށް މައުލޫމާތު ދެއްވަމުން، އެ ކުންފުނީގެ ބިޒްނަސް ޑިވްލޮޕްމަންޓް ޑިރެކްޓަރ އަހުމަދު ނިޒާމް ވިދާޅުވީ، މާފަރު އެއާޕޯޓް ޕްރޮޖެކްޓްގެ އީއައިއޭ ސާރވޭ ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މަސައްކަތަށް ބޭނުންވާ ތަކެތި ރޯދަމަސް ނިމުމުން މާފަރަށް ގެންދެވޭނޭ ކަމަށެވެ. މާފަރުގެ ބިމުން ބައެއް ހިއްކައިގެން އެއާޕޯޓް ތަރައްގީ ކުރާނަމަ ރަށުގެ ތިމާވެއްޓަށް ގެއްލުންވާނެ ކަމަށް ލަފާކުރެވޭތީ ހައުސިން މިނިސްޓްރީއާއި  ޓްރާންސްޕޯޓް މިނިސްޓްރީއާއި އަދި މާފަރު ކައުންސިލާއެކު،  މަޝްވަރާ ކުރުމަށްފަހު، މާފަރުގެ ބިމުން އިތުރު ހަސަތޭކަ ސާޅީސް މީޓަރުގެ ބިން އެއަރޕޯޓް އެޅުމަށް މިހާރުވަނީ ދީފައެވެ. 


 
މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ، އަށާރަ ސަތޭކަ މީޓަރުގެ ރަންވޭ އަކާއެކު، ޕްރައިވެޓް ޖެޓް ޕާކިން ސަރަހައްދެއް ހިމެނޭގޮތަށެވެ. އެއާޕޯޓް އަޅާ ސަރަހައްދަށް އިތުރު ކުރާ ބިމުގެ ސަބަބުން، ރަށުގެ ފަޅުތެރެއިން އެއްވެސް ވަރަކަށް ބިން ހިއްކަން ނުޖެހޭނޭ ކަމަށް މިލޭނިއަމް ކެޕިޓަލުން ބުނޭ. މިލޭނިއަމް އަށް ވަނީ އެއާޕޯޓާއެކު، ރިސޯޓް ތަރައްގީ ކުރުމަށް ދެ ފަޅުރަށް ސަރުކާރުން ދޫކޮށްފައެވެ.


 
 


ނ އަތޮޅުގައި އެންމެ ފުރަތަމަ އެއާޕޯޓެއް ތަރައްގީ ކުރުމަށް އިއުލާނު ކޮށްފައިވަނީ ދެހާސް ހަތްވަނަ އަހަރުގައެވެ. ނަމަވެސް އެ މަސައްކަތް ހަވާލުކުރި ނޫނު ހޮޓެލްސްއިން މަސައްކަތް ކުރިއަށް ނުގެންދާތީ، އެގްރިމެންޓް ބާތިލްކޮށް، މިލޭނިއަމް ކެޕިޓަލްއާއި މާފަރު އެއަރޕޯޓް ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ފަހުކޮޅުގައެވެ.