ޚަބަރު

ވޯޓުލާ މަރުކަޒުތައް ސަރވޭ ކުރަންފަށައިފި


މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓްލުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަރުކަޒުތައް ސާވޭ ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަރުކަޒުތައް ހަމަޖައްސައި، އެތަންތަން ސާވޭ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އޭގެ ތެރޭގައި ގިނައީ ސްކޫލްތައް ކަމަށެވެ.

އީސީން ބުނީ އަތޮޅު ތަކެކޭ އެއްފަދައިން ވެރިރަށް މާލެސިޓީގައިވެސް ވޯޓްލުމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނީ ސްކޫލް ތަކުގައި ކަމަށާއި، ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ %85 މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓް ޢާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ. އެގޮތުން އެކޮމިޝަނުން ޢާންމުކުރި ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓުގައިވާ ގޮތުން ދުއިސައްތަ ފަސްދޮޅަސް ތިންހާސް އެއްސަތޭކަ އަށްޑިހަ ތިން މީހުންނަށް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންދާނެއެވެ.

ރިޔާސީ އިންތިޚާބުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކާއި، ބައެއް ރިސޯޓްތަކާއި، ސިނާޢީ މަސައްކަތްކުރާ ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައިވެސް ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މޮނީޓަރ ކުރަން ބޭނުންވާ ރާއްޖެއާއި ބައިނަލް އަޤުވާމީ މީޑިއާތަކަށް އެފުރުސަތު ހުޅުވާލާފައިވާއިރު، އެ ކޮމިޝަނުން ބުނެފައިވަނީ ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 15 ދުވަހު ހުޅުވާލާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން މިހާތަނަށް އިޢުލާން ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ ނާއިބު ރައީސް ސުޖާޢު ހުސައިންއެވެ. މީގެ އިތުރުން ސަރުކާރާ އިދިކޮޅު ބައެއް ފަރާތްތަކުންވެސް އަންނަނީ އިންތިޚާބުގައި ވާދަކުރުމުގެ މަސައްކަތް ކުރަމުންނެވެ.