ޚަބަރު

މެލޭޝިއާ ސަރުކާރުން ދިން ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


މެލޭޝިއާ ސަރުކާރުން ރާއްޖެއަށް ދިން ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.

''މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް ސްކޮލަޝިޕް"ގެ ދަށުން 9 ދާއިރާއަކުން މާސްޓާރސް އާއި ޕީއެޗްޑީއަށް ކިޔެވުމުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މެލޭޝިއާގައި ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި ސައިންސް އެންޑް އިންޖިނިއަރިންގް، އެގްރިކަލްޗަރ އެންޑް ފިޝަރީޒް، އިކޮނޮމިކްސް އެންޑް އިސްލާމިކް ފައިނޭންސް، އިންފޮމޭޝަން އެންޑް ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ، ބަޔޯޓެކްނޮލޮޖީ، ބަޔޯ-ސެކިއުރިޓީ އެންޑް ފުޑް ސޭފްޓީ، އިންފްރާސްޓްރަކްޗަރ އެންޑް ޔުޓިލިޓީ، އެންވަޔަރަމަންޓަލް ސްޓަޑީސް، އަދި ސިއްޚީ ދާއިރާގެ ކޯސްތައް ހިމެނެއެވެ.

ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ މެލޭޝިއާއިން ދިން ފުރުޞަތުގައި ކޯސްތަކަށް ކުދިން ހޮވުމުގައި ވަކި އަދަދެއް ކަނޑައަޅާފައި ނުވާ ކަމަށާއި، އެ ކޯސްތަކަށް ކުދިން ހޮވާނީ ކުރިމަތިލާ ދަރިވަރުންގެ ނަތީޖާތަކަށް ބެލުމަށްފަހުގައި ކަމަށެވެ.

މި ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.

ސްކޮލަޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީއާއި، ލިވިންގް އެލަވަންސްގެ އިތުރުން އެހެނިހެން ޚަރަދުތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.