ކުޅިވަރު

ފަހު ވަގުތު ލަނޑު ޖަހާ އުރުގުއާއީ މޮޅަކުން ވަރލްޑްކަޕް ފަށައިފި


މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް، މިޞްރު ކޮޅަށް ލަނޑު ޖަހައިގެން އުރުގުއާއީ މޮޅަކުން ވަރލްޑްކަޕް ފަށައިފިއެވެ.

މިޞްރުގެ ފޯވާޑް މުޙައްމަދު ސަލާހު ނުލާ ކުޅުނު މެޗު އެއްވަރުވާން ދަނިކޮށް 89 ވަނަ މިނިޓްގައި އުރުގުއާއީއަށް ލަނޑު ޖަހައިދިނީ ގިމެނޭޒްއެވެ. އޭނާ ލަނޑު ޖެހީ ލިބުނު ހިލޭޖެހުމެއް ޕެނަލްޓީ އޭރިޔާތެރެއަށް ހުރަސްކޮށްލުމުން ބޮލުން ޖަހައެވެ. މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތައް ތަނަވަސްކޮށް ގޯލަށް ފޮނުވާލީވެސް އުރުގުއާއީންނެވެ. އެގޮތުން ފޯވާޑް ލުއިސް ސުއަރޭޒްއަށް ލިބުނު ހަތަރު ފުރުޞަތެއް ބޭނުން ނުކުރެވިދިޔައެވެ. އަދި އޭނާ ގޯލަށް ފޮނުވާލި ބޯޅައެއް އޮފްސައިޑްކަމަށްވެސް ރެފްރީ ނިންމިއެވެ.
ޕީއެސްޖީއަށް ކުޅޭ ފޯވާޑް ކަވާނީ ފޮނުވާލި ބާރު ބޯޅައެއް މިޞްރު ކީޕަރު ދިފާއުކުރިއެވެ. އަދި ކަވާނީގެ ބާރު ބޯޅައެއް އަރިމަތީ ދަނޑިއަށްވެސް އަމާޒުވިއެވެ.

މިސީޒަންގައި ލިވަޕޫލަށް 44 ލަނޑު ޖަހައިދިން ސަލާހު މެޗަށް މުޅިން ފިޓްކަމަށް ކޯޗު ބުނެފައިވުމުން މެޗުގެ ކޮންމެވެސް ހިސާބެއްގައި އޭނާ ފެންނާނެކަމަށް ބެލެވުނު ނަމަވެސް ސަލާ މެޗު ނިންމާލީ ބެންޗުގައި އިނދެއެވެ. މިޞްރު ކޮޅަށް ފަހުވަގުތު ލަނޑު ވަނުމުން އޭނާ ވަރަށް ބޮޑަށް މާޔޫސްވި މަންޒަރުވެސް ޓީވީތަކުން ވަނީ ދައްކާފައެވެ. މިނަތީޖާއާއެކު މިގްރޫޕުން ކޮންމެ ޓީމެއް އެއް މެޗު ކުޅެ ނިމުނު އިރު އެއްވަނަ ލިބެނީ 5-0 ން ސައޫދީއަރަބިޔާ ބަލިކުރި ރަޝިޔާއަށެވެ.