ދީން

ރޯދަމަސް ނިމުނަސް ހެޔޮ ޢަމަލުތައް ކުރުންމަތީ ދެމިތިބެންޖެހޭ - ހުކުރު ޚުޠުބާ


ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާއި އަލްވަދާޢުކީ ކަމުގައިވިޔަސް ހެޔޮކަމުގައި ދެމިތިބެން އެދޭ ބަޔަކަށް އިސްލާމްދީނުގައި ލައްވާފައިވާ ހެޔޮކަމުގެ ފުރުޞަތުތައް ގިނަކަމަށާއި، އެފަދަ ފުރުޞަތުތަކުގެ ބޭނުން ހިފާބަޔަކަށްވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި އިލްތިމާސްކޮށްފިއެވެ. ހެޔޮކަމުގައި ދެމިތިބުމުގެ މުހިއްމުކަމުގެ މައްޗަށް މިއަދުގެ ހުކުރު ޚުޠުބާގައި ވަރަށް ފުޅާދާއިރާއެއްގައި އަލިއަޅުވާލާފައިވެއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާ "ހެޔޮކަމުގައި ދެމިތިބުމުގެ މުހިއްމުކަން" މި މަޢުޟޫއަށް ހާއްސަކޮށްފައިވާއިރު، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ރަމަޟާން މަހުގައި ނަމާދުގެ ޖަމާޢަތަށް ރައްކާތެރިވެ، ގިނަގިނައިން ޤުރުއާން ކިޔަވައި، މީސްތަކުންނަށް ހެޔޮފޯރުވައިދީ އުޅުމަށްފަހު ރަމަޟާންމަސް ނިމުމުން އެކަންކަމަށް ފަރުވާކުޑަކޮށް، ފާފަތަކަށް އަރައިގަންނަކަމީ އެކަމާމެދު ވިސްނަންޖެހިފައިވާކަމެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި އަޅުންކުރާ ހެޔޮ ޢަމަލު ﷲ ޤަބޫލުކުރެއްވިކަމުގެ ނިޝާންތަކެއްވާކަމަށާއި، އެއީ ހެޔޮ ޢަމަލުކުރުމަށްފަހު، އެ ޢަމަލުތައް ދޫކޮށްނުލައި ފާފަތަކަށް އަރައިނުގަނެ ހުރުންކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ރަމަޟާން މަސް ނިމުންނަމަވެސް، ހެޔޮކަމުގައި ދެމިތިބެން އެދޭ ފަރާތްތަކަށް އިސްލާމްދީނުގައި ހުރި ފުރުޞަތުތައް ގިނަކަން ފާހަގަކުރައްވާ، ޝައްވާލުމަހުގެ 6 ރޯދަ ހިފާ މީހުންނަށް ހުރި މަތިވެރި ޘަވާބާއި ދަރުމައިގެ މައްޗަށްވެސް ޚުޠުބާގައި ވަނީ އަލިއަޅުވާލާފައެވެ.

ޝައްވާލުމަހުގެ ހަ ރޯދައިގެ އިތުރުން، މެދުފޮއި ރޯދައާއި، ހޯމަ ބުރާސްފަތި ދެ ދުވަހުގެ ރޯދައާއި، ޢަރަފާތް ދުވަހުގެ ރޯދައާއި، ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަކީވެސް ގިނަގުނަ ދަރުމައާއި ޘަވާބުހުރި ކަމެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ ސުންނަތް ރޯދައިގެ އިތުރުންވެސް ހެޔޮކަމުގައި މެދުނުކެނޑި ދެމިތިބުމަށްޓަކާ ކުރެވިދާނެ ކަންތައްތައް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

ނިކަމެތީންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާ ފަރާތްތަކަށް ހުރި ދަރުމައާއި ޘަވާބަށްވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ އަލިއަޅުވާލާފައެވެ. އަދި އެފަދަ ކަންތައްތަކަށް ހޭދަކުރެވޭނީ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން ސަލާމަތްވެފައިވާ ބަޔަކަށްކަމަށާއި، އެ މީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުން ﷲ ގެ މަގުގައި ހޭދަކުރުމަށް އަވަސްވެގަތުމަށް އެންމެހާ ލޮބުވެތި މުސްލިމުންނަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލާފައިވެއެވެ.