ޚަބަރު

"މޯލްޑިވްސް - ޖަޕާން ޑައިލޮގު"ގެ ފުރަތަމަ ބުރު ނިންމާލައިފި


ރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި ބާއްވާ "މޯލްޑިވްސް ޖަޕާން ޑައިލޮގު"ގެ ފުރަތަމަބުރު ނިންމާލައިފިއެވެ. މި ޑައިލޮގް ބާއްވާފައިވަނީ ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު ޢާސިމް މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީދަތުރުފުޅުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު ޢާސިމް މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީދަތުރުފުޅުގެ ތެރެއިން ބޭއްވި މި ޑައިލޮގްގައި ދެ ޤައުމު ގުޅުގެން މަސައްކަތް ކުރެވެން ހުރި ދާއިރާތަކާއި، އެއްބާރުލުން އިތުރުކުރަން ބޭނުންވާ ދާއިރާތަށް ދެނެގަތުމަށް މަޝްވަރާ ކުރައްވާފައިވާކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަން އަދި އިންވެސްޓްމަންޓް އިތުރުކުރުމާބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވަނީ ފޮރިން މިނިސްޓްރީގެ ސެކެރެޓަރީ ބައިލެޓަރަލް އަހުމަދު ޚަލީލާއި ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޓަކިޒާކީއެވެ. މި ބައްދަލިކުރެއްވުމުގައި ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކެޓްރީ އާދަމް ޙަމީދުގެ އިތުރުން ސެކަންޑް ސެކްރެޓަރީ މުޙައްމަދު ތަހުސީންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ މިހާރު ޖަޕާނަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި ވަނީ އެ ޤައުމުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން ޖަޕާނުގެ އެންވަޔަރަންމަންޓް މިނިސްޓަރު މަސަހަރޫ ނަކަގަވާއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކާތަކުން ސަލާމަތްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ޖަޕާނުގެ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމްގެ ދަށުން ކާބަން އެމިޝަން މަދުކޮށް އިޢާދަކުރެވޭ ހަކަތަ އުފެއްދުމުގައި އެއްބާރުލުން އިތުރުކުރުމާބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މީގެއިތުރުން ޖަޕާނުގެ ޓޯކިޔޯގައި ހުންނަ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ (ޖައިކާ)ގެ ހެޑް ކުއާޓާސްގައި އެޖަމްޢިއްޠާގެ ރައީސް ޝިނިޗީ ކިޓައޯކާ ވެސް މިނިސްޓަރ ޢާސިމްވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުގައި މިނިސްޓަރ ވަނީ، ޖައިކާއަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްޤީގައި މުހިންމު ރޯލެއް އަދާކުރާ ޖަމްޢިއްޔާއެއްކަން ފާހަގަކުރައްވައި މިކަންކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ޖަޕާން މޯލްޑިވްސް ފްރެންޑްޝިޕް ލީގުގެ ރައީސް ވަޓަރޫ ޓަކަޝީތާއާއި އެ ލީގުގެ މެމްބަރުންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުގައި މިނިސްޓަރ ވަނީ ޖަޕާން މޯލްޑިވްސް ފްރެންޑްޝިޕް ލީގުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތް ފާހަގަކުރައްވައި އެކަންކަމަށް ޝުކުރުއަދާކުރައްވާފައެވެ.