ޚަބަރު

މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސް


މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ ހުކުރު ދުވަސްކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ކަނޑައަޅައިފިއެވެ.

ޝައްވާލުމަހުގެ ހަނދު މިރޭ ފެނިފައި ނުވާތީ، އިސްލާމިކް މިނިސްޓްރީން ވަނީ މާދަމާ އަކީ، ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށް ކަނޑައަޅައި، އަދި ފިޠުރު ޢީދު ދުވަހަކީ ޖޫން މަހުގެ 15 ވާ ހުކުރު ދުވަސް ކަމަށް ކަނޑައަޅައިފި އެވެ.

އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ހަނދު ސާބިތު ކުރުމުގެ ޖަލްސާގައި މިކަން އިޢުލާން ކުރެއްވީ އިސްލާމިކް މިނިސްޓްރީ ނައިބު އައްޝައިޚު މުޙައްމަދު ރަޝީދު އިބްރާޙިމްއެވެ.

ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާއަށްފަހު ހަނދާގުޅޭ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ނެރުނު ޤަރާރުގައި ވަނީ ރާއްޖެއާއި އިސްލާމީ އެއްވެސް ޤައުމެއްގެ އުދަރެހުގައި މިއަހަރުގެ ޝައްވާލުމަހުގެ ހުޅެވި ހަނދު ނުހުންނާނެކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ޔާޤީން ވާތީ ރަމަޟާން މަހާއި ޝައްވާލުމަހުގެ ބެލުމަށް ރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާގޮތުގެ މަތިން މާދާމާ 14 ޖޫން އަކީ ރަމާޟާންމަހުގެ ތިރީސް ވަނަދުވަސްކަމަށާއި އަންނަ ހުކުރު ދުވަހަކީ ޝައްވާލުމަކުގެ އެއްވަނަ ދުވަސްކަމުގައި ކަނޑައަޅާކަމަށެވެ.

ޤަރާރުގައި ވަނީ އެންމެހާ ދިވެހިންނަށް ފިޠުރު ޢީދުގެ ތަހުނިޔާ ދަންނަވާ ކަމަށާއި ރޯދަ މަހުގެ އަޅުކަމުގެ ފުރިހަމަ ޘަވާބު އެންމެހާ ދިވެހިންނަށް ދެއްވުމަށް ވެސް އެދޭ ކަމަށެވެ.

އީދު ބަންދުގެ މުނާސަބަތުގައި އަންނަ ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމަޔަށް ވަނީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. މިއަހަރުވެސް ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުން އިސްލާމީ މަރުކަޒުގައާއި، މާފަންނު ސްޓޭޑިއަމްގައި އޮންނާނެ އެވެ. އަދި ވިލިމާލެ ފުޓުބޯޅަ ދަނޑުގައާއި ހުޅުމާލޭ ސެންޓްރަލް ޕާރކުގައިވެސް އޮންނާނެއެވެ.

މީލާދީ ކަލަންޑަރުގައިވާ ގޮތުން މި ރަމަޟާން މަހަކީ 30 ދުވަސް ހިމެނޭ މަހެކެވެ. އަދި މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ 15 ވާ ހުކުރު ދުވަހެވެ.