ޚަބަރު

ދިޔަވި ދޯނިން ލަކުޑިތަކެއް ކަނޑަށް ދޫކޮށްފައިވާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި


މާލެއިން މުދާ ބަރުކޮށްގެން ބ.އަތޮޅަށް ދަތުރުކުރަމުންދަނިކޮށް ކާށިދޫ ކަނޑަށް ދިޔަވެ އަރިއަޅާލި ދޯނިން ލަކުޑި ތަކެއް ކަނޑަށް ދޫކޮށްފައިވާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.

ހިލައާއި ލަކުޑި ބަރުކޮށްގެން ބ.އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ދަތުރުކުރަމުންދަނިކޮށް ދިޔަވެ އަރިއަޅާލާފައިވަނީ "ވީނަސް" ނަމަކަށް ކިޔާ 78 ފޫޓުގެ ދޯންޏެކެވެ. އެމްއެންޑީއެފުން ބުނީ މި ދޯނި ދިޔަވުން ކޮންޓްރޯލް ކުރެވުނީ މި ދޯނީގައި ހުރި ބައެއް ލަކުޑިއާއި ފިލާތައް ކަނޑަށް ދޫކޮށްލުމުގެ ސަބަބުން ދޯންޏަށް ލުއިވުމުން ކަމަށެވެ.

މި ހާދިހާ ހިނގިއިރު ދޯނީގައި ދިވެއްސަކާއި 3 ބިދޭސީން ތިބި ނަމަވެސް، އެއްވެސް މީހަކަށް ކަމެއް ވެފައި ނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

ދޯނި ދިޔަވުން ކޮންޓްރޯލް ކުރެވިފައިވާއިރު، ޕަމްޕު ޖައްސައިގެން ދޯނީގެ ދިޔަގަނޑު ހިއްކުމުގެ މަސައްކަތް ކޯސްޓްގާޑްގެ ސިފައިން މިހާރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، މި ދޯނި ދިޔަވުން ކޮންޓްރޯލް ކުރުމަށްޓަކައި ދޯނިން ކަނޑަށް ދޫކޮށްލި ލަކުޑިއާއި ފިލާތައް ކ.ގާފަރާއި ކ.ކާށިދޫއާއި ދޭތެރެއިން އިރުމައްޗަށް އޮޔާ ދަމުދާ ކަމަށާ އެހެންކަމުން، މިސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އިލްޠިމާސްކުރާކަމަށެވެ. އަދި ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން މިސަރަހައްދުން ދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއްދިނުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ.

މިދޯނި ކ.ގާފަރަށް ގެންދިއުމަށް ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ދޯނި ދިޔަވާންފެށިކަމުގެ މަޢުލޫމާތު އެމް.އެން.ޑީ.އެފުގެ ކޯސްޓް ގާޑަށް ލިބިފައިވަނީ މި ރޭ ގަޑިން 7:45 ހާއިރު ކަމަށް އެމް.އެން.ޑީ.ފުން ބުނެއެވެ.