ކުޅިވަރު

ނިއު ތަށި މިލްކްކުރިޔަނުދީ، ވެލެންސިޔާ ޗެމްޕިއަންކަން ހޯދައިފި


ތަށި މިލްކްކުރަން ނިކުއިން ނިއުރޭޑިއަންޓް ބަލިކޮށް، ރަމަޟާން ވެޓަރަންސް ކަޕްގެ ޗެމްޕިއަންކަން ފަސް ވަނަ ފަހަރަށް ކްލަބް ވެލެންސިޔާ ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު މި މުބާރާތުގެ ފައިނަލު މެޗު ކްލަބް ވެލެންސިޔާ ކާމިޔާބުކުރީ 4-0 ލަނޑުންނެވެ. މެޗުގައި ވެލެންސިޔާގެ ލަނޑުތައް ޖަހައިދިނީ ސަބާހު މުޙައްމަދު، މުޚުތާރު ނަސީރު އަދި އިސްމާއިލް މުޙައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ މުޚުތާރު މެޗުގައި ދެ ލަނޑު ޖެހިއެވެ.
ފައިނަލް މެޗުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ކްލަބް ވެލެންސިޔާގެ އަބްދުﷲ އިބްރާހިމްއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި، މުބާރާތުގެ 35 އަހަރާއި 39 އަހަރާއި ދެމެދުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުޙްތާރު ނަސީރެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ނިއުރޭޑިއަންޓްގެ ކެޕްޓަން އަލީ ޝަމީމްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް އަދި އެންމެ މޮޅު ފޯވާޑަކީވެސް އޭނާއެވެ. އެންމެ މޮޅު ކޯޗަކީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބުގެ ކޯޗު އަހުމަދު ނިޔާޒްއެވެ. މުބާރާތުގެ ފެއަރ ޕްލޭ ކުޅުންތެރިޔަކީ ކްލަބް ވެލެންސިޔާގެ އައްސަދު އަބްދުލް ޣަނީއެވެ. ފެއަރ ޕްލޭ ޓީމަކީ ކްލަބް ވެލެންސިޔާއެވެ. މުބާރާތުގެ 40 އަހަރުން މަތީގެ އެންމެ މޮޅު ގޯލު ކީޕަރަކީ މާޒިޔާގެ މުހައްމަދު ޝިނާންއެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ވެލެންސިއާގެ މުހައްމަދު ޖަމީލްއެވެ. އަދި އެންމެ މޮޅު މިޑްފީލްޑަރަކީ ނިއުގެ މުހައްމަދު ޒިޔާދުއެވެ. މި މުބާރާތުގެ 50 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔަކީ ކްލަބް ވެލެންސިއާގެ އަބްދުއް ރައްޒާޤް ޔޫސުފްއެވެ.

ވެލެންސިޔާ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ.