ދުނިޔެ

2026 ވަނަ އަހަރުގެ ވޯލްޑްކަޕް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި

2026 ވަނަ އަހަރުގެ ވޯލްޑްކަޕް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ފީފާގެ ކޮންގްރެސްއިން ނިންމައިފިއެވެ.
ރަޝިޔާގެ މޮސްކޯގައި ބޭއްވި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ކޮންގްރެސްގައި އުތުރު އެމެރިކާގެ 3 ޤައުމުކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯއިން ގުޅިގެން ހުށަހެޅި ބިޑު ކާމިޔާބުކުރީ 134 ވޯޓުންނެވެ. އެޤައުމުތަކާ ވާދަކުރި މޮރޮކޯއަށް ލިބުނީ 65 ވޯޓެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯއިން ގުޅިގެން ހުށަހެޅި ބިޑް ކާމިޔާބުކުރިއިރު، މިއީ މެކްސިކޯގައި ބާއްވާ 3 ވަނަ ވޯލްޑްކަޕަށް ވާނެއެވެ. މިއީ ރެކޯޑެކެވެ. އެމެރިކާގައި 1994 ވަނަ އަހަރު ވޯލްޑް ކަޕް ބޭއްވިއިރު، ކެނެޑާގައި މީގެ ކުރިން ވޯލްޑްކަޕް ބާއްވާފައެއްނުވެއެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ އެއް ޤައުމަށް ވުރެ ގިނަ ގައުމުތަކެއްގައި ބާއްވާ ދެވަނަ ވޯލްޑް ކަޕަށެވެ. 2002 ވަނަ އަހަރު ކޮރެޔާ - ޖަޕާނު ވޯލްޑް ކަޕަކީ ދެ ޤައުމެއް ގުޅިގެން ބޭއްވި ފުރަތަމަ ވޯލްޑް ކަޕެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ފީފާގެ މެމްބަރު ހުރިހާ ޤައުމެއްގެ މެދުގައި ވޯޓުލައިގެން ވޯލްޑް ކަޕް ބާއްވާނެ ޤައުމެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން 2026 ވަނަ އަހަރުގެ ވޯލްޑްކަޕަކީ 32 ޓީމުގެ ބަދަލުގައި 48 ޓީމު ވާދަކުރާ ފުރަތަމަ ވޯލްޑްކަޕެވެ.