ޚަބަރު

މައުމޫނާއި ޢަބްދުﷲ ސަޢީދާއި ޢަލީ ޙަމީދު 1 އަހަރާއި 7 މަހަށް ޖަލަށް


ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދުގެ މައްޗަށް ދައުލަތުން ކުރި، އަދުލު އިންސާފު ޤާއިމުކުރަން ހުރަސް އެޅުމުގެކުށް ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި ހުކުމް މިތިން ބޭފުޅުންގެމައްޗަށް އިއްްވީ އެބޭފުޅުންގެ މައްޗަށް ފުލުހުން ކުރަމުންދާ ތަހުޤީޤަށް އެއްބާރުލުން ނުދީ އެބޭފުޅުންގެ ފޯނު ފޮރުވި ނުވަތަ ފޯނު ނުދިން މައްސަލައިގައެވެ. ފޯނު ނުދިން މައްސަލާގައި ދައުލަތުންވަނީ މި ތިންބޭފުޅުންގެ މައްޗަށް ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ.

ޤާނޫނީގޮތުން އުފެދިފައި އޮތް ސަރުކާރު ޤާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތްކުރުމާއި، ރިޝްވަތުދިނުމާއި، ޚިޔާނާތާއި މިފަދަ ބޮޑެތި އެތައް ތުހުމަތެއްގައި މިތިން ބޭފުޅުން ފުލުހުން ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރެއެވެ. އޭރު ރާއްޖޭގައި ޢިއުލާނުކޮށްފައި އޮތް ކުއްލިނުރައްކަލުގެ ޙާލަތުގައި މިބޭފުޅުން ހައްޔަރުކޮށް ފުލުހުން ފެށި ތަހްޤީޤަށް ތިން ބޭފުޅުން ހައްޔަރުކުރުމަށްފަހު ފޯނު ދޭން އެންގުމުން ތިންބޭފުޅުންވެސް ފުލުހުންނާ ފޯނު ޙަވާލުކޮށްފައި ނުވާކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.

މިމައްސަލާގައި މިތިން ބޭފުޅުންގެ މައްޗަށް ކުރިދަޢުވާގެ ޝަރީޢަތުގައި ހެކިބަސް ދިން ފުލުހުން ބުނީ ފޯނު ދޭން އެ ބޭފުޅުންނަށް ފުލުހުން އެންގުމުން ފޯނު ނެތްކަމަށް ތިން ބޭފުޅުންވެސް ވިދާޅުވެފައިވާ ކަމަށެވެ.

މިމައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު މިތިންބޭފުޅުންގެމައްޗަށް އިއްވި ހުކުމްގައިވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދައުވާ އެ ތިން ބޭފުޅުންގެ މައްޗަށް ސާބިތުވާތީ ތިންބޭފުޅުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ޙުކުމްކުރާކަމަށެވެ.