ކުޅިވަރު

އައިލެންޑް ބީޗު ހައުސް 8 ބޯލް ޗެމްޕިއަންޝިޕް ސުވެއިދު ކާމިޔާބުކޮށްފި


އައިލެންޑް ބީޗް ހައުސްއިން ކުރިއަށްގެންދިޔަ 8 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އިސްމާއިލް ސުވެއިދު ހޯދައިފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނާއި ގުޅިގެން ހުޅުމާލޭގައި ހުންނަ އައިލެންޑް ބީޗު ހައުސްއިން މި ރަމަޟާން މަހު ކުރިއަށްގެންދިޔަ 8 ބޯލް ޗެމްޕިއަންޝިޕްގެ ސުވެއިދު ކާމިޔާބުކުރީ ފައިނަލްގައި އިބްރާހިމް ރިޔާޒާއި ވާދަކޮށެވެ.

ޗެމްޕިއަންކަން ހޯދި ސުވެއިދަށްވަނީ ޗެމްޕިއަން ޓްރޮފީއާއެކު ފަސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. ދެވަނަ ހޯދި ރިޔާޒަށް ތިންހާސް ރުފިޔާގެ ފައިސާގެ އިނާމެއްވަނީ ދީފައެވެ. މިމަހުގެ ހަޔަކުން ބާރައަށް ކުރިއަށްގެންދިޔަ މުބާރާތުގެ ތިންވަނަ ހޯދީ ފަތުހުﷲ ޖަމީލެވެ. ފަތުހުﷲއަށް ދެ ހާސްރުފިޔާގެ އިނާމެއްވަނީ ދީފައެވެ.

މި މުބާރާތަކީ އައިލެންޑް ބީޗް ހައުސްއިން ބިލިއާޑުގެ ފޯރި އިތުރުކޮށް އާންމުންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބޭއްވި މުބާރާތެއް. މި މުބާރާތުގެ މެޗުތައް ކުރިއަށްދިޔައީ އައިލެންޑް ބީޗް ހައުސްގައެވެ. އާންމުންނަށް އަދި ފަތުރުވެރިންނަށްވެސް މިތަނުގައި ބިލިއާޑްކުޅުމުގެ ފުރުސަތު ހުޅުވިފައިވާކަމަށް މައުލޫމާތުދޭއެވެ.