ޚަބަރު

ދަރިވަރުންނަށް 63000 ޓޭބްލެޓް ދޫކުރާނެ


ތަޢުލީމީ ނިޒާމް ޒަމާނީކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ސްކޫލްތަކުގެ ދަރިވަރުންނަށް 63000 އެއްހައި ޓެބްލެޓް ދޫކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ތަޢުލީމީ ނިޒާމް ޒަމާނީކޮށް ސްކޫލްތައް ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ޖުމްލަ 77000 ޓެބްލެޓް ޓީޗަރުންނަށާއި، ދަރިވަރުންނަށް ހަވާލުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ޓީޗަރުންނަށް ދޫކުރާ ހުރިހާ ޓެބްލެޓެއް ދޫކޮށް ނިންމާފައިވާއިރު، ޓީޗަރުންނަށް 8445 ޓެބްލެޓް ވަނީ ދޫކޮށްފައެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ގާތްގަނޑަކަށް ފަސްދޮޅަސް ތިންހާހެއްހައި ޓެބްލެޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އޭގެ ތެރެއިން ފަންސާސް ހާސް ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީއަށް މިހާރު ލިބިފައިވާކަމަށާ، ޓެބްލެޓްތައް ދަރިވަރުންނަށް ދޫކުރާނެ އުސޫލެއް އެކަށައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެގޮތުން ޓެބްލެޓްތައް ފުރަތަމަ ދޫކުރާނެ ސްކޫލްތަކާއި ގްރޭޑްތައް ފައިނަލްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެމިނިސްޓްރީން މަޢުލޫމާތުދެއެވެ.

މުޅި މަޝްރޫޢުގެ ދަށުން 77000 ޓެބްލެޓް ޓީޗަރުންނަށާއި ދަރިވަރުންނަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް އެމިނިސްޓްރީއަށް ނުލިބިހުރީ ވަރަށް މަދު ޢަދަދެއްގެ ޓެބްލެޓްތަކެއްކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ. އަދި ދެވަނަ ޓާމުގައި ކިޔެވުން މިމަހުގެ 18ގައި ފެށޭއިރު، މި ޓެބްލެޓްތައް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެކަމަށާ، އެކަމަށްވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޓެބްލެޓްތަކުގެ އެހީގައި ކިޔަވައިދިނުމަށް ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއް މިހާރުވަނީ ހައި ސްޕީޑްގެ އިންޓަރނެޓާއެކު ވައިފައިކޮށްފައެވެ.