ކުޅިވަރު

ވަރލްޑްކަޕް ބަލަން އެސްޓީއޯއިން ޕްރޮޖެކްޓަރ ހަދިޔާކޮށްފި

ޒުވާނުން ވޯލްޑް ކަޕް ބެލުމަށް އެސްޓީއޯ އިން 30 ކްލަބް ޖަމީއްޔާއަކަށް ހިޓާޗީ ޕްރޮޖެކްޓަރ ހަދިޔާކޮށްފިއެވެ. މާބުލް ހޮޓެލްގައި މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި ކްލަބްތަކަށް ޕްރޮޖެކްޓަރުތައް ހަވާލުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރުއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީރު ވިދާޅުވީ އެސްޓިއޯ އަކީ އަބަދުވެސް ކްލަބް ޖަމިއްޔާތަކާއި ޒުވާނުންނާ ވަރަށް ގާތުން މަސައްކަތް ކުރާ ކުންފުއްޏެއް ކަމަށެވެ. އަދި މި މަސައްކަތަކީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ޒުވާނުންނަށް ކޮށްދެއްވާ މަސައްކަތެއްކަމަށް ޝަހީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ އަބަދުވެސް ޒުވާނުންނާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ ކުންފުންޏެއް. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ވޯލްޑް ކަޕް ޒުވާނުންނަށް، ފަސޭހަކަމާއެކު ބަލާލެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން އެސްޓިއޯގެ ސީއެސްއާރުގެ ދަށުން ހިންގާ ހަރަކާތެއް މިއީ. ބޭނުމަކީ ވީހާވެސް ގިނަ ފަރާތްތަކަށް ފަސޭހަކަމާއެކު މިއަހަރުގެ ވޯލްޑް ކަޕުގެ މެޗުތަށް ބެލުމުގެ އިންތިޒާމް ހަމަޖެހިގެން ދިއުން." އެސްޓިއޯގެ އެމްޑީ އަހުމަދު ޝަހީރު ވިދާޅުވިއެވެ.

ޕްރޮޖެކްޓަރު ހޯދުމަށް އެދުނު ހުރިހާ ޖަމިއްޔާތަކަށް ޕްރޮކެޖްޓަރ ހަދިޔާކޮށްދެއްވާފައިވާނެކަން ފާހަގަކުރައްވަމުން ޝަހީރު ވިދާޅުވީ މިއަހަރު ހަދިޔާ ކުރެވުނު ޕްރޮޖެކްޓަރު ތަކަކީ އެސްޓިއޯގެ ޕާޓްނަރެއް ކަމަށްވާ ހިޓާޗީ އާއި ގުޅިގެން ހަދިޔާ ކުރެވުނު ޕްރޮޖެކްޓަރު ތަކެއްކަމަށެވެ. ބޭނުމަކީ ޒުވާނުންނަށް އެކުވެރި މާހައުލެއްގައި ވޯލްޑް ކަޕުގެ މެޗުތަށް ބެލުމުގެ މަގު ފަހިކޮށްދިނުންކަމަށެވެ.
އެސްޓިއޯ އަކީ އަބަދުވެސް ފުޓްބޯޅައަށް ބޮޑެތި ހޭދަތަކެއް ކުރައްވާ ކުންފުޏެއްކަން ފާހަގަކުރަމުން ޝަހީރު ވިދާޅުވީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށްވެސް އެސްޓިއޯއިން ޕްރޮޖެކްޓަރާއި ސްކްރީންވެސް ގިނަ ފަރާތްތަކަކަށް ފޯރުކޮށްދީފައިވާނެކަމަށެވެ. އެސްޓިއޯއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތާއި މާލޭ ލީގުގެވެސް މެއިން ސްޕޮންސަރކަން ފާހަގަކޮށްލެވެއެވެ. އަދި ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ކްލަބް ތަކަށްވެސް އެސްޓިއޯ އަންނަނީ މާލީގޮތުން އެހީތެރިވަމުންނެވެ.