ޚަބަރު

ބިދޭސީންނަށް ޙަރަކާތްތެރި ނުވެވޭނެ އިތުރު ދާއިރާތަކެއް


އިވެންޓް މެނޭޖްމަންޓް، އެންޓަޓެއިންމަންޓް އަދި ޕްރޮޑަކްޝަން ސިނާއަތަކީ ރާއްޖޭގައި ބިދޭސީންނަށް ޙަރަކާތްތެރި ނުވެވޭނެ ދާއިރާތަކެއްކަމަށް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤަވާއިދުގައި ކަނޑައަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ޢިއުލާނެއްގައި ބުނެފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤަވާއިދަށް ރިޢާޔަތްކޮށް، ބިދޭސީންނަށް އިންވެސްޓްކުރުމަށް ހުއްދަ ނުދޭ ދާއިރާތަކެއްގެ ގޮތުގައި އިވެންޓް މެނޭޖްމަންޓާއި، އެންޓަޓޭންމަންޓް އަދި ޕްރޮޑަކްޝަން ޞިނާޢަތް ކަނޑައަޅާފައިވާ ކަމަށެވެ.

މިސިނާއަތުގެ މަސައްކަތްތަކުގެ ތެރޭގައި، އޯޑިއޯ ވިޜުއަލް އިކުއިޕްމަންޓާއި އަޑާއި މަންޒަރު ދެއްކުމާބެހޭ ސާމާނު ކުއްޔަށް ދޫކުރުމާއި އެފަދަ ތަކެތި އެކަނި ކުއްޔަށް ދިނުމާއި އަޑާބެހޭ ތަކެއްޗާއި، އެކިބާވަތުގެ އަލިއަޅުވާ ސާމާނާއި، ވިޑިޔޯ އާލާތާއި، ލެޑް އައްޔާއި، މިފަދަ ތަކެތި ހަރުކުރާ ހަރުފަދަ ތަކެއްޗާއި، މިޔުޒިކުކުޅޭ ތަކެއްޗާއި އާލާތް ކުއްޔަށް ދިނުމާއި ވިއްކުމާއި، އެފަދަ ބާވަތްތައް ހަރުކޮށް، ބޭނުންކުރާ ޙާލަތަށް ގެނައުމުގެ ޚިދުމަތްތަކާއި، އެފަދަ ބާވަތްތަކާ ގުޅޭގޮތުން ޚިދުމަތް ދިނުމާއި ބެލެހެއްޓުމުގެ އެއްބަސްވުންތަކަކީ ދިވެހިންނަށް އެކަނި ޙަރަކާތްތެރިވެވޭނެ ދާއިރާތައްކަމަށް މިޤަވާއިދުގައިވެއެވެ.

މީގެއިތުރުން އިވެންޓް މެނޭޖްމަންޓާއި 'ޕްރޮޑަކްޝަން' އަދި މިކަންކަމާގުޅޭ މަޝްރޫޢުތައް ހިންގައި ބެލެހެއްޓުމުގެ މަސައްކަތްވެސް ބިދޭސީންނަށް ނުކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޢިއުލާނުގައިވެއެވެ.

އެހެންކަމުން މިހާރު ހިނގަމުންދާ ބިދޭސީ ވިޔަފާރިތަކުން މިދާއިރާގައި ކުރަމުންދާ ވިޔަފާރީގެ އެންމެހާ މުޢާމަލާތްތައް ހުއްޓުމަކަށް ގެންނަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި މިއަދުން ފެށިގެން ބިދޭސީ ވިޔަފާރިތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ޙުއްދަ ދިނުމުގައި، މިދެންނެވި ގޮތަށް ޢަމަލުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.