ޚަބަރު

ކިމް- ޓްރަމްޕް ސަމިޓު ކާމިޔާބު!


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުންއާ ސިންގަޕޫރޫގައި ބައްދަލުކުރައްވައިފިއެވެ. މިއީ ދުނިޔޭގެ ތާރީޚުގައިވެސް އެމެރިކާގެ ރިޔާސަތުގައި ހުންނެވި ބޭފުޅަކު އުތުރު ކޮރެއާގެ ޒަޢީމަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލަ އާއި މިސައިލް ޕްރޮގްރާމްގެ ސަބަބުން ހުސްވި 2017 ވަނަ އަހަރު އުތުރު ކޮރެއާ އާއި އެމެރިކާއިން ހަނގުރާމައެއްގެ ތުންފަތް މައްޗަށް ދިޔައެވެ. އެހެންނަމަވެސް 2018 ވަނަ އަހަރާއެކު މި މައްސަލައިގެ ކަންކަން މުޅިން ބަދަލުވެފައެވެ. އުތުރު ކޮރެއާގެ ނިއުކްލިޔަރ އަދި މިސައިލް ޕްރޮގްރާމްގެ މައްސަލައިގައި އެ ޤައުމުން އަވަށްޓެރި ޤައުމުތަކުގެ އިތުރުން އެމެރިކާއާއެކުގައިވެސް މަޝްވަރާ ކުރަން ހުށަހެޅިއެވެ.

2007 ވަނަ އަހަރަށް ފަހު އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ އިސްވެރިންގެ މެދުގައި އަލަށް ބޭއްވި ބައްދަލުކުރެއްވުން އޭޕްރިލްގައި ކުރިއަށްގެންދިޔައިރު، އެ ބައްދަލުވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މި މައްސަލައިގައި މީގެ ކުރިން ދުވަހަކުވެސް ނާޅާ ފަދަ ފިޔަވަޅެއް އެޅުމަށް އުތުރު ކޮރެއާއިން އެއްބަސްވުމެވެ. އެއީ އެމެރިކާގެ ވެރިކަމުގައި ހުންނެވި ބޭފުޅަކާ އުތުރު ކޮރެއާގެ ޒަޢީމް ބައްދަލުކުރެއްވުމެވެ. މޭ މަސް ނިމިގެން ދިޔައީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުންގެ ބައްދަލުވުމާ ބެހޭ ސުރުޚީތަކުން ދުނިޔޭގެ މީޑިޔާ ފުރަމުންނެވެ.

އުތުރު ކޮރެއާގެ ބަސްމަގު ހުރި ގޮތުން ޓްރަމްޕް ބައްދަލުވުން ކެންސަލްކުރައްވަންވެސް ނިންމެވިއެވެ. އެހެންނަމަވެސް ދެ ފަރާތުގެ ވަފުދުތަކުން ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު، ސިންގަޕޫރުގެ ރިސޯޓެއް ކަމަށްވާ ސެންޓޯސާގައި މި ތާރީޚީ ބައްދަލުވުން މިވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުކުރެއްވުމަށް ފަހު ޓްރަމްޕާ ކިމް ވަނީ ލިޔުމެއްގައި ސޮއި ކުރައްވާފައެވެ.

ބައްދަލުކުރެއްވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވީ، ދެ ބޭފުޅުންގެ ދެމެދު މަޝްވަރާތައް ކުރިއަށްގެންދިޔައީ ހުރިހާ ފަރާތަކުންވެސް އުއްމީދުކުރި ގޮތަށްވުރެވެސް ރަނގަޅަށް ކަމަށެވެ. ޓްރަމްޕް ވިދާޅުވީ، އުތުރު ކޮރެއާއިން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމުގެ މަސައްކަތްތައް ދާދި އަވަހަށް ފައްޓާނެކަމަށާއި ބުދަ ދުވަހުގެ ބައްދަލުކުރެއްވުމަށްފަހު، އެމަނިކުފާނާއި ކިމްއާ ދެމެދު ޚާއްޞަ ގުޅުމެއް ޤާއިމުވެފައިވާކަމަށެވެ. އަދި މިއާއެކު އެމެރިކާ އާއި އުތުރު ކޮރެއާ ދެމެދު އޮންނަ ގުޅުމަށް ވެސް އީޖާބީ ބަދަލެއް އަންނާނެކަމަށް އުއްމީދުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުންއަށް އެމެރިކާގެ ވައިޓް ހައުސްއަށް ވަޑައިގަތުމަށް ދައުވަތު އަރުއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. ދުނިޔޭގެ ތާރީޚުގައިވެސް އެމެރިކާގެ ރިޔާސަތުގައި ހުންނެވި ބޭފުޅަކާ އުތުރު ކޮރެއާގެ ޒަޢީމަކު ހުންނެވި ބޭފުޅަކާ ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުކުރެއްވުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން ވިދާޅުވީ، ދެ ބޭފުޅުންގެ ދެމެދު ބޭއްވި ތާރީޚީ ބައްދަލުކުރެއްވުމަށް ފަހު ދެ ގައުމުން ވެސް ބޭނުންވަނީ މާޒީގައި ހިނގާފައިވާ ކަންކަން ދޫކޮށްލުމަށްކަމަށެވެ.

އެމެރިކާ އާއި އުތުރު ކޮރެއާގެ އިސް ވެރިންގެ ދެމެދު ކުރިއަށްދިޔަ ބައްދަލުކުރެއްވުމަށް ޗައިނާއިން ވަނީ މަރުޙަބާކިޔާފައެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގް ޔީ ވިދާޅުވީ، އެ ސަމިޓަށް ޗައިނާއިން އެއްބާރުލުން ދޭކަމަށާއި ކޮރެއާ ބައްރުން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމުގައި ދެ ޤައުމުން ވީ އެންމެ އަވަހަށް އެއްބަސްވުމަކަށް އަންނާނެކަމަށް ޗައިނާއިން އުއްމީދުކުރާ ކަމަށެވެ.