ޚަބަރު

ހުރިހާ ރިޔާސީ ކެންޑިޑޭޓުންގެ ސަލާމަތީ ކަންކަން ކަށަވަރުކުރާނަން: ހޯމް މިނިސްޓަރ


ރިޔާސީ އިންތިޚާބުގައި ބައިވެިރިވާ ހުރިހާ ކެންޑިޑޭޓުންގެ ސަލާމަތީކަންކަން ބަލަހައްޓާ، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އެބޭފުޅުންނަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރާނެކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވީ، ކުރިއަށް އޮތް 5 އަހަރު ދިވެހިރާއްޖޭގެ ވަލީއުލް ޢަމުރުގެ މަޤާމު ފުރުއްވާނެ ބޭފުޅަކު ކަނޑައެޅުމަށް ނަގާ ވޯޓުގައި ބައިވެރިވާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ސެކިއުރިޓީ ހަމަޖައްސައިދޭނެ ކަމަށާއި، އެކަމާ އެއްވެސް މީހަކު ޝައްކު ކުރަން ނުޖެހޭނެކަމަށެވެ. އެގޮތުން އިދިކޮޅުން ނެރޭ ކަނޑިޑޭޓަށްވެސް، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ސެކިއުރިޓީގެ ކަންކަން ހަމަޖައްސާ، ސަލާމަތީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެކަމަކީ ވަކި މީހަކު ބުނީތީވެ ކޮށްދޭންޖެހޭ ކަމެއް ނޫން ދެއްތޯ. އެކަންކަން ކުރިއަށްދާނެ އިނގޭތޯ. އެހެންނަމަވެސް މީހެއްގެ ސެކިއުރިޓީއަށް އެދުނީމާ އެންމެ ފުރަތަމަ ފުލުހުން ހައްދަވާނެ ތުރެޓް އެސެސްމަންޓެއް. އެ ތުރެޓް އެސެސްމަންޓު ހައްދަވާފައި، ތުރެޓު ލެވެލްއަށް ބައްލަވާފައި ޕާރސަނަލް ބޮޑީގާރޑުން އެލޮކޭޓު މިކުރަނީ. އެހެންވީމަ ހަމަ ބޭފުޅަކު ރިކުއެސްޓް ކުރައްވާއިރަށް އެބޭފުޅެއްގެ ކަންތައްތައް ބައްލަވާނެ ފުލުހުން ވަރަށް ރަނގަޅަށް، އެއީ ކިހާ ވަރަކަށް އެބޭފުޅަކަށް ތުރެޓު އޮތްތޯ" އަޒްލީން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ވާދަކުރާނެ ކެންޑިޑޭޓޭއް އިއުލާންކޮށްފައި ނުވާތީ، އެކަމަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ، ކެންޑިޑޭޓުންގެ ސެކިއުރިޓީއާއި މެދު އެއްވެސް ސުވާލެއް ނެތް ކަމަށާއި، އެކަމަކީ އިދިކޮޅުން ކެނޑިޑޭޓެއް ނުނެރެވިގެން އުޅޭ ސަބަބެއް ނޫންކަމަށެވެ. ހޯމް މިނިސްޓަރ އަޒްލީން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޙާލަތު ބަދަލުވެ އަމާންވެއްޖެކަމަށާއި، ކުރިއާ ޚިލާފަށް މިހާރު މާލެއަކީވެސް ވަރަށް އަމާން އޮމާން ތަނެއް ކަމަށެވެ. އެހެން ކަމުން، ރިޔާސީ ކެންޑިޑޭޓުންނަށް ސަލާމަތީ ގޮތުން ގޮންޖެހުމެއް ނެތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުގައެވެ.