ކުޅިވަރު

ވެލެންސިޔާއަށް އުފަލެއް ނެތް މޮޅެއް!


މި ސީޒަނގައި ކްލަބް ވެލެންސިޔާ ފުރަތަމަ މޮޅު ރޭ ހޯދާއިފިއެވެ.

އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމްގެ ތެރޭގައި ނުހިމެނި، ކޮލިފިކޭޝަން ކުޅެން ޖެހޭނެކަން ކަށަވަރުވެފައިވަނިކޮށް، ލީގުގައި ވެލެންސިޔާ ފުރަތަމަ މޮޅު ހޯދީ ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް 2-1 ލަނޑުންނެވެ. އެންމެފަހުން ކުޅުނު ދެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެފައިވާ ގްރީންގެ މައްޗަށް ވެލެންސިޔާ ކުރި ހޯދި މެޗުގައި ވެލެންސިޔާއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ސާޖީއެވެ. 14 ވަނަ މިނިޓްގައި އޭނާ މި ލަނޑު ކާމިޔާބުކުރީ ގްރީންގެ ޑިފެންޑަރެއް ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ފުރަތަމަ ހާފުގައި ލީޑު ފުޅާކުރުމަށް ވެލެންސިޔާއަށް ލިބުނު އިތުރު ފުރުޞަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ. މި މެޗުގައި ވެލެންސިޔާއަށް ލީޑު ފުޅާކޮށްދިނީ 62 ވަނަ މިނެޓުގައި އަންސަރު އިބްރާހިމްއއެވެ.

ލީގުގައި މިހާތަނަށް ކުޅުނު 13 މެޗަށް ބަލާއިރު މި މެޗަކީ ވެލެންސިޔާއިން އެންމެ ރަނގަޅަށް ކުޅުނު އެއް މެޗެވެ. ވެލެންސިޔާއިން ދެ ލަނޑު ޖެހި ފަހުން ގްރީން ސްޓްރީޓްސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮލަންޑް ރަސެލް ލަނޑެއް ޖަހާ ފަރަޤު ކުޑަކޮށްދިނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ވެލެންސިއާގެ ބިދޭސީ ފޯވާޑް ޑްރިގާ ސާރޖީއެވެ.

މި ނަތީޖާއާއެކުވެސް ޖުމްލަ ހަތަރު ޕޮއިންޓް ލިބިގެން ވެލެންސިއާ އޮތީ ތާވަލްގެ ފުލުގައެވެ. ވެލެންސިޔާއަށް މޮޅެއް ލިބުނު އިރު އެމީހުންނަށް އެކަމުން ލިބޭނެ ހިތްހަމަޖެހުމެއް ނެތެވެ. އޮތްނަމަ އޮތް ހިތްހަމަ ޖެހުމަކީ ކޮލިފިކޭޝަނަށް އިތުބާރު ލިބުމެވެ. މެޗުން ބަލިވި ކްލަބް ގްރީން ސްޓްރީޓްސް އޮތީ ތާވަލްގެ ހަވަނައިގައެވެ. އެއީ ސާދަ ޕޮއިންޓާއެކުއެވެ. އެސްޓީއޯ މާލޭ ލީގުގައި ކޮންމެ ޓީމަކުންވެސް ދެން ކުޅެންޖެހޭ ފަހު މެޗުތަކުގެ ކުޅުން ފަށާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.