ކުޅިވަރު

ފްރާންސް ޓީމުގެ ފުރަތަމަ 11ގައި ޕޮގްބާ ކުޅޭނެ - ކޯޗު


ވޯލްޑް ކަޕުގައި ކުޅޭ ފްރާންސް ޓީމުގެ ފުރަތަމަ 11ގައި މިޑްފީލްޑަރު ޕައުލް ޕޮގްބާ ކުޅޭނެ ކަމަށް ކޯޗު ޑިޑިއޭ ޑެޝޯން ބުނެފިއެވެ.

އޭނާ މިހެން ބުނީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް މިޑްފީލްޑަރު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑުގެ ޕޮގްބާ ބެންޗުގައި ބައިންދަން ޖެހޭ ކަމަށް ފްރާންސްގެ ކުރީގެ ކުޅުންތެރިން ބުނަން ފެށުމުންނެވެ.

"އަހަރެން ފްރާންސްގެ ނީސްގައި އެމެރިކާއާ ދެކޮޅަށް އިއްޔެރޭ ކުޅުނު މެޗުގައި ޔަގީންކުރިން އޭނާ އަކީ ފުރަތަމަ 11ގައި ކުޅެންޖެހޭ މީހެއް ކަމަށް. އޭނާ ވަރަށް މޮޅަށް އެ މެޗުގައި ވެސް ކުޅުނު. މުޅި ޓީމަށް ނުކުޅެވިދާ ވަގުތުތަކުގައި ވެސް އޭނާ ރަނގަޅަށް ކުޅެފައި އެބަހުރި. އަހަރެންގެ ފުރިހަމަ އިތުބާރު އެބައޮތް،" ކޯޗު ބުންޏެވެ.

ޕޮގްބާއާމެދު ބައެއް ކުޅުންތެރިން ހިތްހަމަ ނުޖެހެނީ ކުލަބުގައި ދައްކާ ކުޅުން ގައުމީ ޓީމުގައި ނުދެއްކޭ ކަމަށް ބުނެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ޕޮގްބާ ކުޅެން ފެށުމުން ފްރާންސްގެ ކުޅުން ލަސްވެ އެވެ. ނަމަވެސް ޑެޝޯން ބުނީ އޭނާގެ ސްޓައިލަށް ޕޮގްބާ ފިޓްވާ ކަމަށެވެ.

އަންނަ ބުރާސްފަތި ދުވަހު ރަޝިޔާގައި ފަށާ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި އޮސްޓްރޭލިޔާއާ ދެކޮޅަށް ފްރާންސްގެ ފޯވަޑް އޮލީވިއާ ޖީރޫޑަށް ވެސް ކުޅެވޭނެ ކަމަށް ޑެޝޯން ބުންޏެވެ. ޗެލްސީގެ ފޯވަޑަށް ވަނީ އެމެރިކާ މެޗުގައި އަނިޔާވެފައެވެ.