ޚަބަރު

ކިމް ޖޮންގް އުން ސިންގަޕޫރަށް ވަޑައިގެންފި


ޖޫން މަހުގެ 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުންއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުކުރެއްވުމުގައި ބައިވެރިވަޑައިގަތުމަށް އުތުރު ކޮރެއާގެ ޒަޢީމް ސިންގަޕޫރަށް ވަޑައިގެންފިއެވެ. ސިންގަޕޫރުގެ ޚާރިޖީ ވުޒާރާއިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ސިންގަޕޫރުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އެމެރިކާ އާއި އުތުރު ކޮރެއާގެ އިސްވެރިންގެ ދެމެދު ކުރިއަށްދާ ބައްދަލުވުމުގެ ކުރިން މި ދެ ބޭފުޅުންނާ ސިންގަޕޫރުގެ ބޮޑުވަޒީރު ވަކިވަކިން ބައްދަލުކުރައްވާނެކަމަށެވެ. އުތުރު ކޮރެއާގެ ޒަޢީމާއެކު ބާއްވަވާ ބައްދަލުކުރެއްވުމުގައި ބައިވެރިވަޑައިގަތުމަށް އެމެރިކާގެ ރައީސް ޓްރަމްޕް މިހާރު ސިންގަޕޫރަށް މިސްރާބު ޖަހާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ބައްދަލުކުރެއްވުމާ ބެހޭ ގޮތުން ހޮނިހިރު ދުވަހު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް އުތުރު ކޮރެއާއަށް ލިބިގެންދާ މި ފުރުސަތުގެ ފުރިހަމަ ބޭނުން، އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން ހިއްޕަވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.