ޚަބަރު

"އަލިގަދަތަރި ޖޫނިއަރ" ކާމިޔާބު މުބާރާތެއް


ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއިން އަންނަނީ ޢާއްމުންގެ މެދުގައި މަޤުބޫލު ތަފާތު ޕްރޮގްރާމްތަކާއި މުބާރާތްތައް އުފައްދައި ގެނެސްދެމުންނެވެ. އެކި ޢުމުރުފުރާތަކަށް ޢަމާޒުކޮށްގެން ޕްރޮގްރާމްތައް ކުރިއަށްގެންދާއިރު، "އެންމެ އަލިގަދަ ތަރި ޖޫނިއަރ" ފާހަގަވެފައިވަނީ ޕީއެސްއެމްއިން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ތަރުހީބު ބޮޑު އެއް ޕްރޮގްރާމުގެ ގޮތުގައެވެ.

2013ވަނަ އަހަރު ޕިއެސްއެމްއިން ފެށި ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި މުބާރާތް ކުރިއަށްގެންދާތާ ފަސް އަހަރުވެފައުވާއިރު، މީގެ ކުރިން އެ ޕްރޮގްރާމް ކުރިއަށްގެންދިޔައީ 18އަހަރުން މަތީގެ މީހުންނަށް ޢަމާޒުކޮށްގެންނެވެ. މިފަހަރުގެ ޕްރޮގްރާމް ކުޑަކުދިންނަށް ޢަމާޒުކޮށް "ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރި ޖޫނިއަރ"ގެ ނަމުގައި ކުރިއަށްގެންދާއިރު، މިއީ އަލިގަދަ ތަރި ޖޫނިއަރގެ ފުރަތަމަ އަހަރެވެ. މި މުބާރާތަކީ މުޅި ރާއްޖެއަށް ހުލުވާލައިގެން، މިހާބޮޑު އިނާމަކާއެކު ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.

މިމުބާރާތަކީ ފުރިހަމަ މުބާރަތަކަށް ހެދުމާއި، އެންމެންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމުގެގޮތުން މުބާރާތުގެ ބައިވެރިން ހޮވާފައިވަނީ ރާއްޖޭގެ 4 ސަރަޙައްދެއްގައި ކުރިއަށްގެންދިޔަ އޮޑިޝަންތަކުންނެވެ. އެގޮތުން ހއ.ދިއްދުއާއި، ޅ.ނައިފަރާއި، މާލެއާއި އައްޑޫގައި އޮޑިޝަން ކުރިއަށް ގެންގޮސްފައިވެއެވެ.
ކޮންމެއަކަސް "ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރި ޖޫނިއަރ"ގެ ވާހަކަ މިވަނީ ވައިގައި ހިފާފައެވެ.

ފުރަތަމަ ފަހަރަށް ބޭއްވި މި މުބާރާތުގެ އޮޑިޝަންގައި ރާއްޖޭގެ އެކި ރަށްރަށުން 336 ކުދިންވަނީ ބައިވެރިވެފައެވެ. ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ކުދިންގެ ހިތްތަކުގައި ޤުރުޢާނުގެ އިލްމު އުނގެނުމުގެ ޝައުޤު އުފެއްދުމަށް ފެށި މި މުބާރާތުގެ މަޤްޞަދަދުދަނީ ވަރަށްވެސް ފުރިހަމައަށް ހާޞިލްވަމުންނެވެ.

މިއީ ކުޑަކުދިންނަށް ޚާއްސަ މުބާރާތަކަށްވެފައި، ކުޑަކުދިން މި މުބާރާތް ބަލާ މިންވަރު ވަރަށްވެސް އިތުރެވެ. މިފަދަ މުބާރާތެއްގެ ސަބަބުން ތަޖްވީދުގެ ހަމަތަކަށް ޤުރުޢާން ކިޔެވުމުގެ މުހިންމުކަމާއި، ދީނުގައި ޤުރުޢާން އުނގެނުމަށް އިސްކަންދޭންޖެހޭ މިންވަރު އެ ކުދިންނަށް އެނގިގެންދެއެވެ. އަދި ޤުރުއާން ކިޔެވުމުގައިވެސް ތަޖުވީދުގެ ހަމަތަކަށް ސަމާލުކަން ދީގެން ކިޔެވުމަށް ބާރަކަށްވެގެންދެއެވެ.
ޕްރޮގްރާމްގެ ފައިނަލާހަމައަށް އައިސްފައިވާއިރު، މިކަމުގެ ފޯރި ބައިވެރިންގެ ޢާއިލާތަކުގެ އިތުރުން އެކުދިން ނިސްބަތްވާ ރަށްތަކުންވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެގޮތުން އެފަރާތްތަކުގެ ޝަޢުޤާއި، ކުދިންނަށް ދެމުންދާ ހިތްވަރާއި ތަރުހީބުން މިކަން ވަރަށް ބޮޑަށް ހާމަވެގެންދެއެވެ. އެންމެ އަލިގަދަތަރި ޖޫނިއަރގެ ފުރަތަމަ މުބާރާތުގެ ފައިނަލް ބޭއްވުމަށް ތައްޔާރުވެފައިވާއިރު، ކުޑަކުދިންނަށް ބޭއްވި ޤުރުޢާން މުބާރާތެއްގެ އެންމެ ބޮޑު އިނާމު ހުށައަޅާފައިވާ މުބާރަތަކީވެސް މިއީއެވެ. މި މުބާރާތުގެ އިނާމެއްގެ ގޮތުގައި އެއްވަނައަށްދާ ކުއްޖަކަށް ޕީއެސްއެމްގެ ފަރާތުން ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.