ކުޅިވަރު

އީގަލްސް އަތުން މޮޅުނުވެވި، ޔޫވީއަށް ދިވެހި ލީގުގެ ފުރުޞަތު ބަންދުވެއްޖެ


އެސްޓީއޯ މާލޭ ލީގުގައި ރޭ ޔުނައިޓެޑް ވިކްޓްރީއާއި ކްލަބް އީގަލްސް ވާދަކުރި މެޗު އެއްވަރުވުމުން، ދިވެހި ޕްރިމިއަރ ލީގުގެ ފަހު ޖާގަ ކްލަބް ގްރީން ސްޓްރީޓްސްއަށް ކަށަވަރުވެއްޖެއެވެ.

މެޗު އެއްވަރުވީ 2-2 ނެވެ. ރޭގެ މެޗަށް ޔުނައިޓެޑް ވިކްޓްރީ ނިކުތްއިރުވެސް އެޓީމަށް ގަދަ ހަޔަކަށް ވަނުމަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ. ރޭގެ މެޗުގައި ރަނގަޅަށް ކުޅެ ގޯލު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކުރީ ކްލަބް އީގަލްސް އިންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ އަށްވަނަ މިނެޓު ޖުމައިލް ޖަލީލް އީގަލްސްއަށް ލީޑް ހޯދައިދިނެވެ. ލަނޑަށްފަހު ޖެހިގެން އައި މިނިޓްގައި ލީޑް ފުޅާކުރަން ލިބުނު ފުރުޞަތު ޖުމައިލްއަށް ކާމިޔާބެއް ނުކުރެވުނެވެ. އޭނާ ފޮނުވާލި ބޯޅަ ޔޫވީގެ ކީޕަރ ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ މަތަކޮށްފައެވެ.
އީގަލްސްގެ ލަނޑަށްފަހު ދެ މިނިޓްގެ ތެރޭގައި ޔޫވީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ލަނޑު ކާމިޔާބުކޮށްދިނީ ސެމިއުލް ކޯޑެލްއެވެ. އީގަލްސްއަށް ދެވަނަ ފަހަރަށް ކުރި ލިބުނީ ޔޫވީގެ އަލީ ޝަރީފް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އަދި ޔޫވީ ބަލިނުވެ ސަލާމަތްވީވެސް އަލީ ޝަރީފް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ ފަހުން އީގަލްސްގެ ލުއިޒް އެޑުއާޑޯއަށް ގޯލު ޖަހަން ހުސް ދެ ފުރުސަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

މި މެޗުގެ ފަހު ކޮޅު އީގަލްސްގެ ގޯލް ކީޕަރ މިފްދާދް އަހުމަދުގެ ބޯ ފަޅައިގެން ދިއުމުގެ ސަބަބުން މެޗުގެ ފަހު ފަސް މިނެޓުގައި އެޓީމުގެ ގޯލު ބެލެހެއްޓީ ޖިނާހު ހާރޫންއެވެ. މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ކްލަބް އީގަލްސް އޮތީ 22 ޕޮއިންޓާއެކު ލީގު ތާވަލްގެ ތިން ވަނައިގައެވެ. ޔުނައިޓެޑް ވިކްޓްރީއޮތީ ނުވަ ޕޮއިންޓާއެކު ލީގު ތާވަލްގެ ހަތް ވަނައިގައެވެ.

އެސްޓީއޯ މާލޭ ލީގުގައި މާދަމާރޭ ކުޅޭ މެޗުގައި ވާދަކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ވެލެންސިއާއެވެ. މި މެޗަށް ފަހު ދެން ކޮންމެ ޓީމަކަމަށްވެސް މާލޭ ލީގުގައި އޮންނާނީ އެއް މެޗެވެ.