ޚަބަރު

ކޮރެއާ-އެމެރިކާ ބައްދަލުވުމުގެ ފުރަތަމަ މިނެޓުންވެސް ބައްދަލުވުމުގެ މިސްރާބު އެނގޭނެ- ޓްރަމްޕް


އަންނަ ހަފުތާގައި އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ބޭއްވެވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ފުރަތަމަ މިނެޓުންވެސް ބައްދަލުވުން ކާމިޔާބުވާނެކަން އެނގިގެންދާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެއެވެ.

ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚީ ސަމިޓަށް ދެ ޤައުމުން ވެސް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި މި ބައްދަލުކުރެއްވުމަކީ އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުކުރެއްވުމެކެވެ.

މިކަމާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ، ބައްދަލުވުން ފެށޭތަނުންވެސް ބައްދަލުވުން ކާމިޔާބުވާނެކަން ނުވަތަ ނޫންކަން އެނގިގެންދާނެކަމަށެވެ. އަދި މިބައްދަލުވުން ކާމިޔާބުވާނެކަމަށް ނުބެލެވޭނަމަ، އިތުރަށް ވަގުތު ބޭކާރުނުކޮށް ބައްދަލުވުން ދޫކޮށްލައްވާނެކަމަށާއި އުތުރު ކޮރެއާގެ ޒަޢީމް ކިމްގެ ވަގުތުވެސް ބޭކާރު ކުރައްވަން ބޭނުންފުޅު ނުވާކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، ބައްދަލުވުމަށް ވަޑައިގަންނަވާނީ ވަކި މަޤްޞަދަކާ އެކުގައިކަމަށާއި، އެހެންނަމަވެސް މިކަމުގެ ނަތީޖާ ފެނިގެންދާނީ ހާލަތު ދިމާކުރާ ގޮތަކުންކަމަށެވެ. އަދި އުތުރުކޮރެއާގެ ޒަޢީމަކީ މިފަދަ ބައްދަލުވުންތަކުގައި މާގިނައިން ދުނިޔޭގެ ލޯތަކަށް ފެންނަ ބޭފުޅަކަށް ނުވާއިރު، ބައްދަލުވުން ކުރިއަށްދާނެ ވަކި ގޮތެއް، ކަނޑައެޅިގެން ވިދާޅުވާން ދަތިކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.