ޚަބަރު

އެތައް އަހަރެއް ވަންދެން އެހެން ޤައުމުތަކުން ވަނީ އެމެރިކާގެ ނާޖާއިޒު ފައިދާ ނަގާފައި- ޓްރަމްޕް


އެމެރިކާއިން ޒަމާނުއްސުރެ އެހެން ޤައުމުތަކާއެކު ކުރަމުންދާ ވިޔަފާރީގެ މުޢާމަލާތްތަކަކީ އެ ޤައުމުގެ އިޤްތިޞާދަށް ބޭއިންސާފުވެރި މުޢަމަލާތްތަކެއް ކަމަށާއި އެމެރިކާ ސަރުކާރުން ބޭނުންވަނީ ވީ އެންމެ އަވަހަކަށް މިކަން ބަދަލުކުރުމަށްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ ކެނެޑާގައި ބޭއްވި، ދުނިޔޭގެ ސިނާޢީގޮތުން އެންމެ ކުރިއަރާފައިވާ ހަތް ޤައުމު ޖީ-ސެވަންގެ ސަމިޓްގެ ހަވާސާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ، އެމެރިކާގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ސިޔާސަތުތަކުގެ ސަބަބުން އެހެން ޤައުމުތަކުން ވަނީ އެތައް އަހަރެއް ވަންދެން އެމެރިކާގެ ނާޖާއިޒު ފައިދާ ނަގާފައިކަމަށެވެ. މި ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކުގެ އެތައް ބައިވަރު ވަޒީފާތަކެއް ބޭރުގެ ފަރާތްތަކަށް ދޭންޖެހޭ ގޮތް މެދުވެރިވިކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، އެމެރިކާއިން އެ ޤައުމަށް އެތެރެކުރާ ދަގަނޑުގެ ބައެއް ބާވަތްތަކުން ނަގާ ޓެކްސް އިތުރުކުރި މައްސަލައިގައި ޖީ-ސެވަންގައި ހިމެނޭ އެހެން ޤައުމުތަކާއި އެމެރިކާއާ ދެމެދު ދެބަސްވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިކަމާ ބެހޭ ގޮތުން ޓްރަމްޕް ވިދާޅުވީ، މި މައްސަލައިގައި ޖީ-ސެވަންގެ ޤައުމުތަކުންވެސް އެ ޤައުމުތަކަށް އެތެރެކުރާ މުދަލުން ނަގާ ޓެކުހާއި، ވިޔަފާރީގެ މުޢާމަލާތްތަކަށް ހުރި އެހެނިހެން ހުރަސްތައް ނައްތާލުމަށް ޖީ-ސެވަންގެ ޤައުމުތަކަށް ގޮވާލެއްވިކަމަށެވެ.