ކުޅިވަރު

ރާއްޖޭގެ ޒުވާން ދެ ކުޅުންތެރިން ރަޝިޔާއަށް!


ފުޓްބޯލް ފްރެންޑްޝިޕް އިންޓަރނޭޝަނަލް ޕްރޮގްރާމުން ފުރުޞަތު ލިބުމަމީ ބޮޑު އުފަލެއްކަމަށާއި، މި ޕްރޮގްރާމްގެ ސަބަބުން އާ ކަންތައްކަތެއް ދަސްވާނެކަމުގެ އުއްމީދު އެބައޮތް ކަމަށް ޕްރޮގްރާމަށް ރާއްޖެއިން ހޮވުނު ޒުވާން ދެ ކުޅުންތެރިން ބުނެފިއެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް ރާއްޖެއިން ހޮވުނު ދެ ކުޅުންތެރިންނަކީ އުވައިޝް މުހައްމަދާއި އަހުމަދު ޒަހާން ނަޒީރުއެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޝިޔާގެ މޮސްކޯއަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މި ދެކުޅުންތެރިން ބުނީ، މި ލިބުނު ފުރުސަތަކީ ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ލިބުނު ފުރުސަތެއް ކަމަށާއި، އުއްމީދަކީ އާ ކަންތައްތަކެއް ދަސްކޮށްގެން އެނބުރި އައުންކަމަށެވެ. އަދި މި ފުރުސަތު ލިބުނީތީ އެފް.އޭ.އެމް އަށާއި ކޯޗުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށްވެސް މި ދެކުޅުންތެރިން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމްގައި ރާއްޖެއިން ވާދަކުރާ ކުޅުންތެރިޔާ މުޙައްމަދު އުވެއިޝް ހިމެނެނީ "ވޭލް ޝާކު" ޓީމުގައެވެ. ރާއްޖެއަށް ފުރުސަތު ލިބިފައިވަނީ އެ ޓީމަށް ޑިފެންޑަރެއް ފޮނުވުމުގެ ފުރުސަތެވެ. އުވެއިޝްއަކީ ފަސް އަހަރުގައި ފުޓްބޯޅަ ކުޅެންފެށި ޖަމާލުއްދީން ސްކޫލްގެ ދަރިވަރެކެވެ.
ހުމަދު ޒަހާން ނަޒީރު އަދާކުރާނީ ޒުވާން ނޫސްވެރިއެއްގެ ދައުރެވެ. ޒަހާންއަކީ އާލީ ޓަޗް ފުޓްބޯޅަ އެކަޑަމީގައި ތަމްރީނު ވަމުން އަންނަ ޒުވާން ކުޅުންތެރިއެކެވެ.

ރޮގްރާމްގައި ބައިވެރިވާ ކުޅުންތެރިން މުބާރާތުގެ ކުރިން މޮސްކޯގައި ތިން ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްވެސް ފުރިހަމަކުރާނެއެވެ. އަދި ވޯރކްޝޮޕަކާއި، މަޝްހޫރު ފަރާތްތަކާއެކު ބައެއް ސެޝަންތަކުގައިވެސް ބައިވެރިވާނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވި ޓީމްތަކަށް ކޯޗުންގެ ގޮތުގައި އިރުޝާދުދޭނީ ޤައުމުތަކުން ނެގި 14 އަހަރާއި، 16 އަހަރާ ދެމެދުގެ ކޯޗުންނެވެ. މޮސްކޯގައި ކުރިއަށްގެންދާ މިޕްރްގްރާމްގައި 210 ޤައުމަކުން ކުޅުންތެރިން ބައިވެރިވާނެއެވެ.

ރާއްޖޭގެ ޒުވާން ދެ ކުޅުންތެރިން ބައިވެރިމިވަނީ ހަ ވަނަ ފުޓްބޯލް ފޮރ ފްރެންޑްޝިޕް އިންޓަރނޭޝަނަލް ޗިލްޑްރަންސް ފޯރަމްގައެވެ. ޕްރޮގްރާމް އޮންނާނީ މާދަމާއެވެ.